ފިލައިގެން ދިޔަ ވެނެޒުއެލާ ސިފައިންގެ ބައެއް މީހުން ބީބީސީއާ ވާހަކަ ދައްކަނީ. --ފޮޓޯ:ބީބީސީ
25 ފެބުރުއަރީ 2019 - 12:26
ބޮގޯޓާ (ފެބްރުއަރީ 25) - ވެނެޒުއެލާ ސިފައިންގެ ތެރޭން ބައެއް މީހުން ފިލައިގެން ކޮލަމްބިއާ އަށް ދާން ފަށައިފި އެވެ.
ފިލައިގެން ދިޔަ ބައެއް ސިފައިން ބުނި ގޮތުގައި ކޮލަމްބިއާގައި ތިބި އެ މީހުންގެ އާއިލާތަކުގެ މީހުންނާ މެދު ކަންބޮޑުވެ އެވެ. ކޮލަމްބިއާ އަށް ދިޔަ 23 އަހަރުގެ ވެނެޒުއެލާ ސިފައިންގެ މީހަކު ބުނީ ރައީސް ނިކޮލަސް މަދޫރޯ އަށް ވަފާތެރި ސިފައިން އޭނާގެ އާއިލާ އަށް ކޮށްފާނެ ކަމަކާ މެދު ބިރު ގަންނަ ކަމަށެވެ.
"އެކަމަކު މިއީ އަހަންނަށް ނިންމޭނެ އެންމެ ރަނގަޅު ނިންމުން،" ބީބީސީއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
ފިލައިގެން ދިޔަ 29 އަހަރުގެ ސިފައިންގެ މީހަކު ބުނީ ކޮރަޕްޓް އޮފިސަރުންގެ ސަބަބުން ސިފައިންގެ ތެރޭގައި މައްސަލަތައް ވަރަށް ބޮޑު ކަމަށެވެ.
"ޕްރޮފެޝަނަލް ސިފައިން މުޅިން ވަރުބަލިވެ މާޔޫސްވެއްޖެ. އަޅުންގެ ގޮތުގައި ސިފައިންގެ ތެރޭގައި ނޫޅެވޭނެ. އެހެންވެ އަހަރެމެން ފިލައިގެން ދިޔައީ،" އޭނާ ބުންޏެވެ.
ފިލައިގެން ދިޔަ އަންހެން ސިފައިންގެ މީހަކު ބުނީ އޭނާ ކަންބޮޑުވަނީ ވެނެޒުއެލާގައި ހުރި އޭނާގެ އަންހެން ދަރިފުޅަށް ވެދާނެ ގޮތަކާ މެދު ކަމަށެވެ. އެހެން މީހަކު ބުނީ އެހީ އަށް އެދި ވެނެޒުއެލާގެ އާއްމު ރައްޔިތުން ސަލާން ޖަހާ މަންޒަރު ބަލަން އޭނާ އަށް ކެތް ނުކުރެވޭނެ ކަމަށެވެ.
ވެނެޒުއެލާ ސިފައިންގެ ތެރޭން 100 މީހަކު ވަނީ ފިލައިގެން ކޮލަމްބިއާ އަށް އެތެރެވެފަ އެވެ. ގިނަ މީހުން ކޮލަމްބިއާ އަށް ދިޔައީ ދެ ގައުމު ގުޅޭ ބޯޑަރުގައި ހޮނިހިރު ދުވަހު ހިންގި ހަމަނުޖެހުންތަކުގެ ތެރޭގަ އެވެ.
އެމެރިކާ އިން ފޮނުވި އެހީގެ ތަކެތި ވެނެޒުއެލާ އަށް އެތެރެ ކުރުން ހުއްޓުވުމަށް ކޮލަމްބިއާ ބޯޑަރު ކައިރި އަށް މަދޫރޯ ވަނީ ހޮނިހިރު ދުވަހު ސިފައިން ފޮނުވައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy