ޕާކިސްތާނުގެ ވައިގެ ސިފައިން ތައްޔާރުވެ ތިބުމަށް އިމްރާން ޚާން އަންގަވައިފި

އިސްލާމްއާބާދު (ފެބްރުއަރީ 26) - އިންޑިއާ އިން ދިން ވައިގެ ހަމަލާތަކަށް ފަހު ޕާކިސްތާނުގެ ވައިގެ ސިފައިންނާއި އާއްމުން "ދިމާވެދާނެ ކޮންމެ ހާލަތަކަށް" ތައްޔާރުވެ ތިބުމަށް ބޮޑު ވަޒީރު އިމްރާން ޚާން އަންގަވައިފި އެވެ.


ކަޝްމީރުގައި ހަމަލާ ދިން ޖައިޝީ މުހައްމަދު ޖަމާއަތުގެ ކޭމްޕަކަށް އަމާޒުކޮށް އިންޑިއާ އިން ދިން ހަމަލާތަކާ ގުޅިގެން ބޮޑު ވަޒީރު އިމްރާން ޚާން ރިޔާސަތު ބެލެހެއްޓި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ކުއްލި ބައްދަލުވުމަކަށް ފަހު ޕާކިސްތާނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާ އިން ވަނީ ޕާކިސްތާނާ ދެކޮޅަށް އުދުވާނެއް ހިންގާފައިވާ ކަމަށެވެ.

އިންޑިއާ އިން ހަމަލާދީފައި ވަނީ ޖައިޝީ މުހައްމަދުގެ އެންމެ ބޮޑު ކޭމްޕަށެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް ވިދާޅުވީ އެ ޖަމާއަތުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ ވިދާޅުވީ އިންޑިއާ އިން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ. އަދި އެއީ އިންޑިއާ އިން ހިންގި އުދުވާނީ ހަމަލާއެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ބަލަކޮޓް ކޭމްޕަށް ހަމަލާ ދިނުމުގައި މިރާޖް 2000 މަރުކާގެ 12 ބޯޓު ބައިވެރިވި ކަމަށެވެ. އަދި 1،000 ކިލޯގެ ބޮން އެޅި ކަމަށާއި އެ ހަމަލާތަކުގައި 300 ހަނގުރާމަވެރިން މަރުވި ކަމަށް ވެސް ބުނެފައިވެ އެވެ.

ޖައިޝީ މުހައްމަދު ޖަމާއަތުން މި މަހު 14 ވަނަ ދުވަހު ކަޝްމީރުގައި ދިން ހަމަލާގައި ވަނީ އިންޑިއާގެ ޕެރަމިލިޓަރީ ސިފައިންގެ 42 މީހުން މަރާލައިފަ އެވެ.