އިންޑިއާގެ އުތުރުގެ އަށް އެއާޕޯޓެއް ބަންދުކޮށްފި

ޖައްމޫ (ފެބްރުއަރީ 27) - އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ހޫނުވެ، އެއްގައުމު އަނެއް ގައުމަށް ދޭ ވައިގެ ހަމަލާތަކާ ގުޅިގެން އިންޑިއާގެ އުތުރުގެ ތިން ސްޓޭޓެއްގެ އަށް އެއާޕޯޓެއް ބަންދުކޮށްފި އެވެ.


ވެރިރަށް ނިއު ދިއްލީގެ އުތުރުގެ ވައިގެ ސަރަހައްދު ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ޕާކިސްތާނުން ދޭ އިންޒާރުތަކާ ގުޅިގެން އެ ސަރަހައްދު ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ. އެއާޕޯޓްތައް ބަންދުކޮށްފައި ވަނީ ޖައްމޫ އެންޑް ކަޝްމީރާއި ޕަންޖާބް އަދި ހިމާޗަލް ޕްރަދޭޝްގަ އެވެ. މި ތިން ސްޓޭޓުގައި ހިމެނޭ އަމްރިތުސާ، ޖައްމޫ، ސްރީނަގަރު، ކުއްލު-މަނާލީ، ކަންގްރާ، ޝިމްލާ އަދި ޕަތަންކޮޓް އެއާޕޯޓް ވަނީ ބަންދުކޮށްފަ އެވެ.

އިންޑިއާގެ އެއާ ޓްރެފިކް ކޮންޓްރޯލުން މިހާރު ވަނީ އުތުރުގެ ސަރަހައްދުގައި ދަތުރު ނުކުރަން ބައެއް އެއާލައިންތަކަށް އަންގައިފަ އެވެ.

ޕާކިސްތާނުގެ ސަރަހައްދުގައިވާ ޖައިޝީ މުހައްމަދުގެ މައި ކޭމްޕަށް އިންޑިއާ އިން އިއްޔެ ދިން ވައިގެ ހަމަލާތަކާ ގުޅިގެން ޕާކިސްތާނުން ރައްދުގައި ވަނީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު ވައްޓާލައި ޕައިލެޓަކު ހިފަހައްޓައިފަ އެވެ.

އިންޑިއާގެ އެއާފޯސް އިން ބުނީ ޕާކިސްތާނުގެ އެފް-16 ގެ ހަނގުރާމަ މަތީ ޖެޓެއް ލާމް ވެލީ އަށް މިއަދު ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުން އެކަމާ ގުޅޭ އެއްވެސް އެއްޗެއް ނުބުނެ އެވެ. ޖައްމޫ އެންޑް ކަޝްމީރުގެ ބުޑްގަމް އަށް މިއަދު ވަނީ އިންޑިއާގެ އެއާ ފޯސްގެ ހެލިކޮޕްޓަރެއް ވެސް ވެއްޓިފަ އެވެ.