ޚާޝުގްޖީގެ ހަށިގަނޑުވަނީ އަވަނަކަށްލައި އަންދާލާފައި: އަލްޖަޒީރާ

ދޯހާ (މާޗް 4) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ހަށިގަނޑު ވަނީ އަވަނަކަށްލައި އަންދާލާފައި ކަމަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގު ރިޕޯޓަކުން ބުނެފި އެވެ.


ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ މަރާލި ހާދިސާ އަށް "އަލް ޖަޒީރާ އަރަބިކް" އިން ތައްޔާރުކުރި ޑޮކިއުމެންޓަރީ ވަނީ އާދިއްތަ ދުވަހުގެ ރޭ ދައްކައިފަ އެވެ. ޑޮކިއުމެންޓަރީގައި ބުނެފައިވާ ގޮތުގައި ކޮންސިއުލޭޓް ތެރޭގައި ޚާޝުގްޖީ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ކޮށާލައި ކޮތަޅުތަކަށް އަޅައިގެން ގެންދިޔައީ ސައުދީ ކޮންސިއުލޭޓް ދިރިއުޅޭ ގެ އަށެވެ. ކޮންސިއުލޭޓްގެ ގެ ހުންނަނީ ކޮންސިއުލޭޓް އޮފީހާ މާ ދުރު ނޫން ހިސާބެއްގަ އެވެ.

ޚާޝުގްޖީގެ ހަށިގަނޑު އަންދާލުމަށް އަވަން ތައްޔާރު ކުރި މީހަކާ އަލް ޖަޒީރާ އިން ވަނީ އިންޓަވިއު ކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ އަވަން ތައްޔާރުކޮށްފައި ވަނީ ސައުދީ ކޮންސުލް ބުނި ގޮތަށް ކަމަށެވެ. އަދި އެއީ ވަރަށް ފުންކޮށް އަދި 1،000 ޑިގްރީ ސެލްސިއަސް އަށް ހޫނު ކުރެވޭ ގޮތަށް ހަދާ އަވަނަކަށް ވާން ޖެހޭނެ ކަމަށް އޭނާ އަށް އަންގާފައިވެ އެވެ. މިއީ ދަގަނޑު ވެސް ވިރިގެންދާހާ ގަދަ ހޫނެކެވެ.

ސައުދީ ކޮންސިއުލޭޓުގެ ގޭގައި ހަދާފައި ހުރި ބޮޑު އަވަން. --ފޮޓޯ:އަލް ޖަޒީރާ

ޚާޝުގްޖީގެ ހަށިގަނޑު އަންދާލުމަށް ފަހު، އެކަން އޮޅުވާލުމުގެ ގޮތުން އެ އަވަނުގައި ގިނަ އަދަދެއްގެ އެއްގަމު މަސް އަންދާފައި ކަމަށް ކަމާ ބެހޭ އޮފިޝަލުން ބުނެ އެވެ. ތުުރުކީގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ ޚާޝުގްޖީގެ ހަށިގަނޑު އަންދާލުމަށް ތިން ދުވަސް ހޭދަވި ކަމަށެވެ.

ތުރުކީގެ ތަހުގީގު ޓީމުގެ އޮފިޝަލުން ބުނެފައި ވަނީ ޚާޝުގްޖީގެ ލޭ ސައުދީ ކޮންސިއުލޭޓުގެ އޮފީހުގެ ފާރުތަކުން ފެނިފައިވާ ކަމަށެވެ. ޚާޝުގްޖީ މަރާލުމަށް ފަހު ލޭ ފޮރުވުމަށް ކޮންސިއުލޭޓް އޮފީހުގެ ފާރުތަކުގައި ހުރީ ދަވާދު ލައިފަ އެވެ.

ޑޮކިއުމެންޓަރީ ތައްޔާރުކޮށްފައި ވަނީ ސަލާމަތީ އޮފިޝަލުންނާއި ސިޔާސީ ފަރާތްތަކާ އަދި ތުރުކީގައި ދިރިއުޅޭ ޚާޝުގްޖީގެ ރަހުމަތްތެރިންގެ އިންޓަވިއުތަކުގެ މައްޗަށެވެ.

ޑޮކިއުމެންޓަރީގައި ބުނެފައިވާ ގޮތުގައި ސައުދީ އޮފިޝަލުންނާ ފުރަތަމަ ގުޅާފައި ވަނީ ތުރުކީގެ އިންޓަލިޖެންސް އިދާރާގެ ވެރިޔާ ހަކަން ފިދާން އެވެ.

ސައުދީ ކޮންސިއުލޭޓަށް މިދިޔަ އޮކްޓޯބަރު މަހު 2 ވަނަ ދުވަހު ޚާޝުގްޖީ ދިޔައީ އޭނާގެ ތުރުކީ ލޯބިވެރިޔާއާ ކައިވެނި ކުރަން ބޭނުންވާ ލިޔުންތަކެއް ހޯދުމަށެވެ. ކޮންސިއުލޭޓުގައި އޭނާ މަރާލީ ހަމަ އެ ދުވަހު ސައުދީން ދިޔަ 15 މީހުންގެ ޓީމަކުން ކަމަށް ތުރުކީން ބުނެފައިވެ އެވެ.

ޚާޝުގްޖީ މަރާލި ކަމަށް ސައުދީން ފުރަތަމަ ދެކޮޅު ހެދި ނަމަވެސް ފަހުން ވަނީ ކޮންސިއުލޭޓް ތެރޭ އޭނާ މަރާލި ކަމަށް އެއްބަސްވެފަ އެވެ. އަދި އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ 11 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ވެސް ސައުދީން ވަނީ ބުނެފަ އެވެ.

ޚާޝުގްޖީ މަރާލި ހާދިސާގެ ބައިނަލްއަގުވާމީ ތަހުގީގެއް އދ. އިން ވެސް ވަނީ ފަށައިފަ އެވެ. އދ.ގެ ތަހުގީގު ޓީމުގެ ރިޕޯޓް ނެރޭނީ ޖޫން މަހު އެވެ.