ނޯބެލް ސުލްހައިގެ އިނާމު ހައްގެއް ނޫން: އިމްރާން ޚާން

އިސްލާމްއާބާދު (މާޗް 4) - ނޯބެލް ސުލްހައިގެ އިނާމު ހައްގުވާ ވަރަށް ކަމެއް ނުކުރެވޭ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.


ޕާކިސްތާނުން ހިފެހެއްޓި އިންޑިއާގެ ޕައިލެޓް ދޫކޮށްލުމުން ކަޝްމީރުގެ މަސްރަހަށް ލިބުނު ފިނިކަމާ އެކު އެތައް ބަޔަކު ދަނީ އިމްރާން ޚާން އަށް ސުލްހައިގެ އިނާމު ހައްގު ކަމަށް ބުނެ އަޑު އުފުލަމުންނެވެ. ނަމަވެސް އިމްރާން ޚާން ވަނީ އޭނާ އަށް އެފަދަ ޝަރަފެއް އަދި ހައްގު ނޫން ކަމަށް ވިދާޅުވެފަ އެވެ.

"މި އެވޯޑުގެ ހައްގުވެރިއަކަށް ވާނީ ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަ ހައްލުކޮށްދީ، ސަބްކޮންޓިނެންޓުގައި ސުލްހަ ގާއިމްކޮށްދޭނެ މީހަކަށް،" އިމްރާން ޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވަނީ އިމްރާން ޚާން އަށް ނޯބެލް ސުލްހައިގެ އިނާމު ހައްގުވެއްޖެ ކަމަށް ވިދާޅުވެ އެ ގައުމުގެ ނޭޝަނަލް އެސެމްބްލީ އަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ހޫނުވީ ކަޝްމީރުގައި މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާއެއްގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހުން މަރާލި ހަމަލާ އަށް ރައްދު ދިނުމުގެ ގޮތުން އެ ހަމަލާ ދިން ޖައިޝީ މުހައްމަދުގެ މައި ކޭމްޕަށް އިންޑިއާ އިން މިދިޔަ އަންގާރަ ދުވަހު ބޮން އެޅުމުންނެވެ. ޖެހިގެން އައި ދުވަހު ޕާކިސްތާނުގެ ވައިގެ ސިފައިން ހަމަލާދީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ޖެޓް ވައްޓާލައި ޕައިލެޓަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އިމްރާން ޚާން ވަނީ ޕައިލެޓް ދޫކޮށްލަން ޕާކިސްތާނުން ނިންމާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

ޕާކިސްތާނުގެ ބެލުމުގެ ދަށުގައި 60 ގަޑިއިރު ބެހެއްޓުމަށް ފަހު އިންޑިއާއާ ޕައިލެޓް ހަވާލުކުރީ ހުކުރު ދުވަހުގެ ރެ އެވެ.