ކަޝްމީރުގެ މައްސަލަ ސަމާލު ކަމަށް ގެނައުމަށް 22 މަންދޫބުން ނަވާޒް ޝަރީފް ހަމަޖައްސަވައިފި

އިސްލާމްއާބާދު (އޮގަސްޓް 28) - ކަޝްމީރުގައި ހަމަނުޖެހުން ބޮޑުވެ ގިނަ ބަޔަކު މަރުވަމުންދާތީ އެ މައްސަލައިގެ ސަމާލުކަން އިތުރު ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ފޮނުވުމަށް 22 މަންދޫބުން ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ހަމަޖައްސަވައިފި އެވެ.


"ކަޝްމީރުގެ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށްދޭން އދ. އިން ވެފައިވާ ވައުދު ވެސް ހަނދާން ކޮށްދޭނަން،" ނަވާޒް ޝަރީފް ވިދާޅުވި އެވެ.

ބޮޑު ވަޒީރު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކަށް ކަޝްމީރުގެ މައްސަލައިގެ ސަމާލުކަން އިތުރު ކުރުމަށް ފޮނުވުމަށް ހަމަޖައްސާފައި ވަނީ ޕާލަމެންޓުގެ މެންބަރުން ކަމަށެވެ. ބޮޑު ވަޒީރުގެ ޚާއްސަ މުޝީރު މިހާރު ވެސް ވަނީ ބައެއް ގައުމުތަކުގެ ސަފީރުންނާ ބައްދަލުކޮށް ކަޝްމީރުގެ މައްސަލައިގައި ވާހަކަ ދައްކައިފަ އެވެ.

ކަޝްމީރުގައި އެންމެ ފަހުގެ ހަމަނުޖެހުންތައް އުފެދިފައި ވަނީ އެ ސްޓޭޓުގެ މިނިވަން ކަމަށް މަސައްކަތްކުރާ ލީޑަރެއް ކަމަށްވާ ބުރުހާން ވާނީ އިންޑިއާ ސިފައިން ހަމަލާދީ ޖުލައި 8 ވަނަ ދުވަހު މަރާލުމާ ގުޅިގެންނެވެ. އޭގެ ފަހުން ކަޝްމީރުގެ ހަމަނުޖެހުންތަކުގެ ތުހުމަތު އިންޑިއާ އާއި ޕާކިސްތާނުން ދަނީ އެއް ގައުމު އަނެއް ގައުމުގެ ބޮލުގައި އަޅުވަމުންނެވެ. އިންޑިއާ އިން ބުނެފައި ވަނީ ކަޝްމީރުގައި ހަމަނުޖެހުން އުފެއްދުމަށް ޒުވާނުންނަށް ހިތްވަރު ދެނީ ޕާކިސްތާނުން ކަމަށެވެ. ކަޝްމީރުގެ ފަހުގެ ހަމަނުޖެހުންތަކުގައި ވަނީ 68 މީހުން މަރުވެފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު އދ.ގައި ނަވާޒް ޝަރީފް ދެއްވުމަށް ހަމަޖެހިފައިވާ ތަގްރީރުގައި ވެސް ކަޝްމީރުގެ މައްސަލަ އަށް އަލިއަޅުވާލައްވާނެ ކަމަށް ރޭޑިއޯ ޕާކިސްތާނުން ވަނީ ބުނެފަ އެވެ.