ބޯއިން 737 ގެ ބޯޓުތައް އޮސްޓްރޭލިއާ އިން ވެސް މަނާކޮށްފި

ސިޑްނީ (މާޗް 13) - ބޯއިން 737 މެކްސް8 ގެ ހުރިހާ ބޯޓެއްގެ ދަތުރުތައް އޮސްޓްރޭލިއާ އިން ވެސް މަނާކޮށްފި އެވެ.


ސިންގަޕޫރުން ވެސް ވަނީ 737 މެކްސް 8 ގެ ބޯތުތައް މަނާކޮށްފަ އެވެ. މި ގޮތަށް ނިންމީ އިތިއޯޕިއަން އެއާލައިންސްގެ ބޯއިން މެކްސް 8 ގެ ބޯޓެއް ވެއްޓި 157 މީހުން މަރުވި ހާދިސާ އަށް ފަހު އެވެ. މިއީ މި މޮޑެލްގެ ބޯޓެއް ފަސް މަސް ތެރޭ ވެއްޓުނު ދެ ވަނަ ފަހަރެވެ.

ސިންގަޕޫރަކީ މެކްސް 8 މޮޑެލްގެ ބޯޓުތައް މަނާކުރި ފުރަތަމަ ގައުމެވެ.

އޮސްޓްރޭލިއާގެ ސިވިލް އޭވިއޭޝަން ސޭފްޓީ އޮތޯރިޓީން ބުނީ މެކްސް 8 ގެ ސޭފްޓީ ރިސްކް އޮތްވަރު ސާފުވަންދެން މެކްސް 8 މަނާ ކުރާނެ ކަމަށެވެ. އޮސްޓްރޭލިއާ އާއި ސިންގަޕޫރުގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ މެކްސް 8 ގެ މޮޑެލް ގްރައުންޑްކޮށްފަ އެވެ. ސައުތު ކޮރެއާ އިން ވަނީ އެ ގައުމުގައި މެކްސް 8 ބޭނުން ކުރާ ހަމައެނި އެއާލައިން އީސްޓާ ޖެޓްގެ ބޯޓުތައް ގްރައުންޑް ކުރަން އަންގައިފަ އެވެ.

ސިންގަޕޫރުގެ އޭވިއޭޝަން އޮތޯރިޓީން ބުނީ އެ ގައުމުގައި އޮޕަރޭޓު ކުރާ ސިލްކް އެއާގައި މެކްސް 8 ގެ އަށް ބޯޓު އޮންނަ ކަމަށެވެ. މީގެ އިތުރުން ސިންގަޕޫރަށް އޮޕަރޭޓް ކުރާ ޗައިނާ ސަދަން އެއާލައިންސް، އިންޑޮނީޝިއާގެ ގަރޫޑާ، ސިންގަޕޫރު އެއާލައިންސް އަދި ތައި ލަޔަން އެއާ އިން ވެސް މެކްސް 8 ގެ ބޯޓު ފަހަރު ބޭނުން ކުރެ އެވެ.

ބޯއިން 737 މެކްސް އަކީ އެ ކުންފުނީގެ ފަހުގެ އުފެއްދުމެކެވެ. ބޯއިން 737 ގައި މެކްސް 7، 8، 9 އަދި 10 ވެސް ހިމެނެ އެވެ. ޖެނުއަރީ މަހުގެ ނިޔަލަށް ބޯއިން އިން ވަނީ މެކްސް 8 މޮޑެލްގެ 350 ބޯޓު އެއާލައިންތަކަށް ފޯރުކޮށްދީފަ އެވެ. މި މޮޑެލް އަށް 5،011 އޯޑަރު ބޯއިން އަށް ލިބިފައިވެ އެވެ. އިތިއޯޕިއަން އެއާލައިންސް ފުޅާ ކުރުމަށް ވަނީ މެކްސް 8 ގެ 30 ބޯޓަށް އޯޑަރު ދީފަ އެވެ. އާދިއްތަ ދުވަހު ވެއްޓުނީ މީގެ ތެރޭން ބޯޓެކެވެ. ބޯޓުގެ އެންމެ ފަހުގެ މެއިންޓެނެންސް ޗެކްކޮށްފައި ވަނީ ފެބްރުއަރީ 4 ގަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެއްޓިފައި ވަނީ ވެސް އިންޑޮނީޝިއާގެ ލަޔަން އެއާ އިން ބޭނުން ކުރި މެކްސް 8 ގެ ބޯޓެކެވެ. އެ ހާދިސާގެ ތަހުގީގަށް ފަހު އިންވެސްޓިގޭޓަރުން ބުނެފައި ވަނީ މެކްސް 8 ގެ އޮޓޮމޭޓެޑް ސިސްޓަމް ބޭނުން ކުރުމުގައި ޕައިލެޓުންނަށް އުނދަގޫވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.