އައިއެސްއާ ގުޅުނު މެލޭޝިއާގެ 13 މީހަކު ގައުމަށް ދާން ބޭނުންވޭ

ކުއާލަ ލަމްޕޫރު (މާޗް 13) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން ސީރިއާ އަށް ދިޔަ މެލޭޝިއާގެ 13 މީހަކު އެނބުރި ގައުމަށް އަންނަން ބޭނުންވާ ކަމަށް އެ ގައުމުގެ ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ސްޕެޝަލް ބްރާންޗުގެ ވެރިޔާ އައްޔޫބު ޚާން މައިދީން ޕިޗޭ ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވީ އައިއެސްއާ ގުޅެން ދިޔަ މީހުންގެ ރައްވެހިކަން ބައެއް ގައުމުތަކުން އުވާލަމުން ދިޔަ ނަމަވެސް މެލޭޝިއާ އިން އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އެ މީހުން މެލޭޝިއާ އަށް އެނބުރި އަންނަން ބޭނުން ނަމަ މެލޭޝިއާ އިން ކަނޑައަޅާ އުސޫލުތަކަށް ތަބާވެ ސަރުކާރުން ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހެ އެވެ.

"އައިއެސްއާ ގުޅެން ގޮސް އެނބުރި އަންނަ ކޮންމެ މީހަކު ހައްޔަރެއް ނުކުރާނަން. ނަމަވެސް އެ މީހުންނާ ސުވާލު ކުރާނެ،" އައްޔޫބު ވިދާޅުވި އެވެ. "ހަނގުރާމައިގައި ބައިވެރިވި މީހެއް ކަމަށް ވަންޏާ އެ މީހެއްގެ މައްޗަށް ދައުވާ ކުރެވޭނެ."

އައިއެސްގެ ހަނގުރާމަވެރިން ސީރިއާގައި މިހާރު ތިބި ހަމައެކަނި ރަށް ކަމަށްވާ ބާޣޫޒަށް ދޭން ފެށި ހަމަލާތައް ވަރުގަދަވާން ފެށުމުން އެ ރަށުން ނުކުންނަ އައިއެސްގެ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މެލޭޝިއާގެ 11 މީހަކު މިހާތަނަށް އެނބުރި އައިސްފައިވާ ކަމަށް އައްޔޫބު ވިދާޅުވި އެވެ. މީގެ ތެރޭން އަށް މީހެއްގެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އަނެއް ތިން މީހުންނަކީ އަންހެނަކާއި އޭނާގެ ކުޑަ ދެ ކުދިންނެވެ.

"އަންހެން މީހާ ވެސް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމުން ވަނީ ދޫކޮށްލާފައި. އެކަމަކު އޭނާ އުޅޭ ގޮތް މޮނިޓާ ކުރަމުން ގެންދާނެ،" އައްޔޫބު ވިދާޅުވި އެވެ.

ސީރިއާގައި މެލޭޝިއާގެ 51 މީހުން އެބަތިބި ކަމަށް އައްޔޫބު ވިދާޅުވި އެވެ. އޭގެ ތެރޭގައި 17 ކުޑަ ކުދިން ވެސް ހިމެނެ އެވެ.

އައިއެސްއާ ގުޅެން މެލޭޝިއާ އިން 102 މީހުން ދިޔަ ކަމަށްވެ އެވެ. މީގެ ތެރޭން 40 މީހުން ވަނީ މަރުވެފަ އެވެ.