ދިވެހިން ވެސް ދިރިއުޅޭ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ އެތައް ބަޔަކު މަރާލައިފި

ކްރައިސްޗާޗް (މާޗް 15) - ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މިއަދު ދިން ބަޑީގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް ފުުލުހުުން ބުނެފި އެވެ.


ހަމަލާ ދިން ދެ މިސްކިތުގައި އެއްވެސް ދިވެއްސަކު ނެތް ކަމަށް ނިއު ޒީލެންޑުގައި ބައެއް ދިވެހިން ބުނެފައިވެ އެވެ.

ހުކުރު ވަގުތާ ދިމާކޮށް މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް ވަނީ 40 މީހުން މަރުވެފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު މައިކް ބުޝް ވިދާޅުވީ ތިން ފިރިހެނުންނާއި އެއް އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މަންޒަރު ދުށްމީހުން ބުނީ ކްރައިސްޗާޗުގެ އަލް ނޫރު މިސްކިތުގައި ލެއިންތަތްތެޅި ވެއްޓިފައިވާ އެތައް ބަޔަކު ތިބި ކަމަށެވެ. އަދި އަނެއް ބަޔަކު ސަލާމަތްވާން ދުވާ މަންޒަރު ފެނިފައިވާ ކަމަށެވެ.

ހަމަލާއާ ގުޅިގެން ނިއު ޒީލެންޑުގެ ހުރިހާ މިސްކިތެއް ބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގައިފަ އެވެ. ކްރައިސްޗާޗުގެ ހުރިހާ ސްކޫލެއް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ބޮޑު ވަޒީރު ޖަސިންޑާ އާޑާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ "ނިއު ޒީލެންޑުގެ ހަޔާތުގައި އެންމެ ކަޅު އެއް ދުވަސް" ކަމަށެވެ.

ނޫރް މިސްކިތުގައި ހުރި މުހައްމަދު އިބްރާހިމް ކިޔާ މީހަކު ނިއު ޒީލެންޑް ހެރަލްޑް އަށް ބުނީ ފުރަތަމަ އޭނާ ހީކުރީ ކަރަންޓް ޝޮކެއް ޖެހުނީ ކަމަށެވެ. ނަމަވެސް ފަހުން ފެނުނީ މީހުން ދުވާތަން ކަމަަށް އޭނާ ބުންޏެވެ.

"އަހަރެންގެ ބައެއް ރަހުމަތްތެރިން މިސްކިތުގައި ތިބި. އެ މީހުންގެ ޚަބަރެއް އަދި ނުވޭ،" އިބްރާހިމް ބުންޏެވެ.