އެކަކު ބުނީ ސަލާމަތްވީ ޚަތިމް ބަހައްޓާ ހަރުގަނޑުގެ ސަބަބުން ކަމަށް

ކްރައިސްޗާޗް (މާޗް 18) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ އަލް ނޫރު މިސްކިތަށް ހުކުރު ދުވަހު ދިން ބަޑީގެ ހަމަލާ އިން ސަލާމަތްވީ މިސްކިތުގައި ޚަތިމްތައް ބަހައްޓާ ހަރުގަނޑުގެ ނިވަލަށް ވަނުމުން ކަމަށް ޓެކްސީ ޑްރައިވަރެއް ކަމަށްވާ އަބްދުލް ގާދިރު އަބާބޯރާ ވިދާޅުވެއްޖެ އެވެ.


"އެ ހަމަލާ އިން އަހަރެން ސަލާމަތްވުމަކީ މުއުޖިޒާތެއް ފަދަ ކަމެއް. އަހަރެން ބަލާލި އިރު ދެ ފަރާތުގައި ވެސް ތިބީ މަރުވެފައި ތިބި މީހުން،" އޭއެފްޕީއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

އުމުރުން 48 އަހަރުގެ އަބާބޯރާ 2010 ވަނަ އަހަރު ނިއު ޒީލެންޑަށް ހިޖުރަކުރީ ވެސް ހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށެވެ. އޭނާ ބުނި ގޮތުގައި ތިިން ހަފުތާ ކުރިން ވަނީ އޭނާގެ ތިން ވަނަ ދަރިފުޅު އުފަންވެފައި ކަމަށެވެ. އެހެންވެ ފޮތް އަލަމާރީގެ ބިތްދަށުގައި އޮތް އިރު ދިޔައީ އާއިލާއާ އަލުން ބައްދަލުވެވޭތޯ ދުއާ ކުރަމުން ކަމަށް ބުންޏެވެ.

އޭނާ ބުނީ މިސްކިތުގެ ބޭރުން ބިޑިޖަހާ އަޑު ފުރަތަމަ އިވުނީ އިމާމް ޚުތުބާ ކިޔަން ފެށި ވަގުތު ކަމަށެވެ.

"ވެގެން އުޅޭ ގޮތް ބަލާލަން އަހަރެން ކޮޅަށް ތެދުވި ވަގުތު ފެނުނީ ބަޑި ހިފައިގެން ހުރި މީހާ މިސްކިތަށް ވަދެ ހުރި ތަން. އަހަރެންނާ އެކު ކޮޅަށް ތެދުވި އެހެން މީހެއްގެ ގަޔަށް ވަޒަން އެރި،" އަބާބޯރާ ބުންޏެވެ.

އިތިއޯޕިއާ އިން ހިޖުރަ ކުރި ޓެކްސީ ޑްރައިވަރެއް ކަމަށްވާ އަބްދުލް ގާދިރު އަބާބޯރާ އޭއެފްޕީއާ ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ

އަބާބޯރާ ބުނީ އޭނާ އަށް ކުރެވުނުހާ ވެސް ކަމަކީ ވެއްޓިގަތުމަށް ފަހު ފިރުކިފައި އޮތް ފޮތް އަލަމާރީގެ ނިވަލުން ހިމާޔަތް ހޯދުން ކަމަށެވެ. އަބާބޯރާ ބުނި ގޮތުގައި އޭނާ އޮތީ ވެސް މަރުވެފައި ކަމަށް ހެދިގެންނެވެ.

"މިސްކިތަށް ވަނުމަށް ފަހު އޭނާ ދިޔައީ ވަކި ގޮތެއް ނުބަލާ ދެ ފަރާތަށް ހަމަލާ ދެމުން. ފުރަތަމަ މެގަޒިން ހުސް ކުރުމަށް ފަހު ދެ ވަނަ މެގަޒިން ވެސް ލެއްވި. އެ ހުސްކޮށް އަދި ތިން ވަނަ މެގަޒިން ވެސް ބަޑިއަށް ލެއްވި. އޭނާ މިސްކިތުން ދިޔައީ ހަތަރު ވަނަ މެގަޒިން ހުސްވުމުން،" އަބާބޯރާ ބުންޏެވެ.

އަލް ނޫރު މިސްކިތަށް ހަމަލާ ދިނުމަށް ފަހު އޮސްޓްރޭލިއާ އަށް އުފަން 28 އަހަރުގެ ބްރެންޓް ޓަރަންޓް ދެން ދިޔައީ ލިންވުޑް މިސްކިތަށް ހަމަލާ ދިނުމަށެވެ.

އަބާބޯރާ ބުނީ މިސްކިތުގައި ފިލާ ތިބި މީހުން މަޑުމަޑުން ނުކުންނަން ފެށީ މާހައުލު ހިމޭންވެ އިރުކޮޅެއް ފަހުން ކަމަށެވެ. އޭރު މުޅި ތަނުގައި އޮތީ ލޭ ކަމަށް އޭނާ ބުންޏެވެ.

އަބާބޯރާ ބުނީ އޭނާ ނިއު ޒީލެންޑަށް، ޚާއްސަކޮށް ކްރައިސްޗާޗަށް ހިޖުރަކުރީ އެއީ ވަރަށް ރައްކާތެރި ތަނެއް ކަމަށް ބަލައިގެން ކަމަށެވެ.

"ނަމަވެސް އެކަމަކު ނިއު ޒީލެންޑް ވެސް ރައްކާތެރި ނޫންކަން މިހާރު އެނގިއްޖެ،" އަބާބޯރާ ބުންޏެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި ވަނީ 50 މީހުން މަރުވެފަ އެވެ.