ޕްރިޔަންކާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް މޯދީ އަށް

ނިއު ދިއްލީ (މާޗް 20) - އަންނަ މަހު އިންޑިއާގައި އޮންނަ އާއްމު އިންތިޚާބުގެ ކެމްޕޭނުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީގެ ކޮއްކޯފުޅު ޕްރިޔަންކާ ގާނދީ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.


މޯދީގެ ބްލޮގަކަށް ޖަވާބު ދެއްވައި ޕްރިޔަންކާ ވިދާޅުވީ "ރައްޔިތުންނަކީ މޮޔައިން ކަމަށް" މޯދީ ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ހުއްޓަވާލެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

މޯދީގެ ބްލޮގުގައި ވިދާޅުވެފައި ވަނީ 2014 ވަނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުން ވޯޓު ދިނީ ވަކި ދަރިކޮޅަކަށް ވުރެ ބޮޑަށް ތެދުވެރި ކަމާއި އަމާނާތްތެރި ކަމަށް ކަމަށެވެ.

މޯދީ ވިދާޅުވީ "އާއިލާ ފުރަތަމަ" ސިޔާސަތުގެ ރޫހަށް ވުރެ ބޮޑަށް "އިންޑިއާ ފުރަތަމަ" ސިޔާސަތު މާ ކާމިޔާބު ކަމަށެވެ. މީގެ އިތުރުން ކޮންގްރެސްގެ ވެރިކަމުގައި ގައުމުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮންގްރެސް ޕާޓީގެ ޕްރިޔަންކާ ގާނދީ އުއްތަރަ ޕްރަދޭޝްގައި ބޯޓުގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

މޯދީގެ ބްލޮގަށް ރައްދު ދެއްވައި، ތިން ދުވަހުގެ ބޯޓް ކެމްޕޭނެއްގައި އުއްތަރަ ޕްރަދޭޝްގައި އުޅުއްވަމުން ޕްރިޔަންކާ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ބީޖޭޕީން ކުރަމުން ދިޔަ ކަމަކީ ގައުމުގައި މުހިންމު މުއައްސަސާތަކަށް ހަމަލާ ދިނުން ކަމަށެވެ. އަދި ރައްޔިތުންނަކީ މޮޔައިންގެ ބައެއް ކަމަށް މޯދީ ދެކެވަޑައިގަންނަވާ ގޮތް ބަދަލު ކުރުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފަ އެވެ.

"ބައެއް މީހުންނަށް ބާރު ލިބުނީމާ ދެކަމެއް އޮޅުވާލާ. ފުރަތަމަ ކަމަކީ ރައްޔިތުންނަށް އޮޅުވާލުން. ދެ ވަނަ ކަމަކީ އެ މީހުންނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބިރު ދެއްކުން. އަޅުގަނޑުމެން ބިރެއް ނުގަނޭ. އެ މީހުންނަށް އަހަރެމެންނަށް ފުރައްސާރަ ކުރެވިދާނެ،" ޕްރިޔަންކާ ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ ކޮންގްރެސް އަކީ އެތެރޭގެ ޑިމޮކްރެސީއެއް ނެތް، ވަކި އާއިލާއެއް ވަށައިގެން އެނބުރޭ ޕާޓީއެއް ކަމަށެވެ. އަދި އެ އާއިލާގެ މީހަކު ނޫން މީހަކު ޕާޓީގެ ލީޑަރުކަން ހޯދަން އުޅެފި ނަމަ އެ މީހަކު ޕާޓީން ބޭރުކޮށްލާ ކަމަށް މޯދީ ވިދާޅުވި އެވެ.