ކްރައިސްޗާޗުގެ ހުކުރު ނަމާދު ލައިވްކޮށް ވީހާ ވެސް ގިނަ ބަޔަކު ބުރުގާގައި

ކްރައިސްޗާޗް (މާޗް 21) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލި ހާދިސާ އަށް ފަހު އަންނަ ފުރަތަމަ ހުކުރު ނަމާދު އެ ގައުމުގެ ގައުމީ ޓީވީން ލައިވްކޮށް ދެ މިނިޓުގެ ސްކޫތެއް ގެނައުމަށް ބޮޑު ވަޒީރު އާޑާން ޖަސިންޑާ ނިންމަވައިފި އެވެ.


"ހަމަލާ އަށް ފަހު މުސްލިމުން ފުރަތަމަ ހުކުރު ނަމާދަށް ދާއިރު އެ މީހުންނާ އެކު އެންމެން ވާކަން ހާމަކޮށްދޭން ބޭނުންވާ އެތައް ބަޔަކު ތިބޭނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަސިންޑާ ވިދާޅުވި އެވެ. "އެކަން ހާމަކުރުމަށްޓަކައި މާދަމާ ދެ މިނިޓުގެ ސްކޫތެއް ގެނެވޭނެ. އަދި ހުކުރު ނަމާދު ނިއު ޒީލެންޑުގެ ގައުމީ ޓީވީ އާއި ރޭޑިއޯ އިން ލައިވް ކުރާނެ."

ހަމަލާގައި މުސްލިމުންނަށާއި ގައުމަށް ލިބުނު ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ވީހާ ވެސް ގިނަ އަންހެނުން މާދަމާ ބޯނިވާކޮށް، ބުރުގާ އަޅައިގެން ތިބުމުގެ ހަރަކާތެއް ވެސް ދަނީ އިންތިޒާމް ކުރަމުންނެވެ. މަސްކަތުގެ މާހައުލާއި ސްކޫލްތަކާ އަދި ކުޅިވަރުގެ ދަނޑުތަކުގައި ވެސް ބުރުގާގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ނިއު ޒީލެންޑުގެ އިސްލާމިކް ވިމެންސް ކައުންސިލާއި ނިއު ޒީލެންޑް މުސްލިމް އެސޯސިއޭޝަނުން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ. މުސްލިމް އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ މި ހިތާމައިން އަރައިގަތުމަށް ވީހާވެސް ގިނަ ބައެއްގެ ހިތްވަރު ބޭނުންވާ ކަމަށެވެ.

އާޑާން އިއްޔެ ވަނީ ހަމަލާ އަށް ފަހު ފުރަތަމަ އެޓެންޑްވީ މީހުންނާ ބައްދަލު ކުރައްވައި ޝުކުރު އަދާ ކުރައްވައިފަ އެވެ.