ތުރުކީ އިނތިޚާބު: ބޮޑެތި ސިޓީތަކުން އުރުދުޣާން އަށް ނާކާމިޔާބު

އަންކަރާ (އެޕްރީލް 1) - ތުރުކީގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޕާޓީ އަށް ބޮޑެތި ސިޓީތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.


ވެރިކަމުގައި 16 އަަހަރު ހޭދަކުރެއްވި އުރުދުޣާން އަށް ވަނީ ވެރިރަށް އަންކަރާގެ ކޮންޓްރޯލް ވެސް ގެއްލިފަ އެވެ. އެންމެ ބޮޑު ސިޓީ އިސްތަންބޫލްގެ ވެސް އަޣުލަބިއްޔަތު ހޯދާފައި ވަނީ އިދިކޮޅު ޕާޓީންނެވެ. ނަމަވެސް މުނިސިޕަލް އިންތިޚާބުގެ މުޅި ނަތީޖާ އަށް ބަލާއިރު އުރުދުޣާންގެ އޭކޭޕީ އިއްތިހާދުން ވަނީ 51 ޕަސެންޓް ވޯޓު ހޯދައިފަ އެވެ. އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިން ބުނެފައި ވަނީ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ އިޒްމީޒް ވެސް ކާމިޔާބުކޮށްފައި ވަނީ އެ ޕާޓީން ކަމަށެވެ.

"ރައްޔިތުން ވޯޓު ދިނީ ޑިމޮކްރެސީ އަށް ތާއީދުކޮށް. އެ މީހުން ވަނީ ޚުދުމުޚްތާރުކަމުގެ ބަދަލުގައި ޑިމޮކްރެސީ އިސްކޮށްފައި،" ސީއެޗްޕީގެ ލީޑަރު ކަމާލް ކިލިކްޑަރޮގްލޫ ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑެތި ސިޓީތައް ގެއްލުމަކީ އުރުދުޣާން ވެރިކަން ކުރައްވާ ގޮތާ މެދު ރައްޔިތުން އިއްވި ހުކުމެވެ. މިއީ އުރުދުޣާން އަށް ރިޔާސީ ބޮޑެތި ބާރުތަކެއް މިދިޔަ އަހަރު ދިން ފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. އޭކޭޕީން 2002 ވަނަ އަހަރު ވެރިކަމަށް އައި ފަހުން ކޮންމެ އިންތިޚާބެއް ވެސް އެ ޕާޓީން ދަނީ ކާމިޔާބު ކުރަމުންނެވެ.

އޭކޭޕީން ބުނި ގޮތުގައި ވެރިރަށް އަންކަރާގެ ވޯޓުގައި ވަނީ މަކަރު ހަދައިފަ އެވެ. އަދި އެ މައްސަލަތައް ކޯޓަށް ހުށަހަޅާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލަރުންނާއި މޭޔަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލާން 57 މިލިއަން މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ގާތްގަނޑަކަށް 85 ޕަސެންޓް މީހުން ވަނީ ވޯޓުދީފަ އެވެ.

މި ފަހަރުގެ އިންތިޚާބުގައި ހުރިހާ މީޑިއާއެއް ކޮންޓްރޯލް ކޮށްފައި ވަނީ ސަރުކާރުން ނުވަތަ އުރުދުޣާންގެ ސަޕޯޓަރުންނެވެ. އިދިކޮޅު ފަރާތްތަކަށް ކެމްޕޭން ކުރަން ލިބިފައި ވަނީ ހަނި ފުރުސަތެކެވެ. އުރުދުޣާންގެ އެއްވުންތަކަށް ޓީވީ ބޮޑު ކަވަރޭޖެއް ދީފައިވެ އެވެ.