ސިރިސޭނާގެ ހާޒިރުގައި 800 ކިލޯގެ ޑްރަގު ނައްތާލައިފި

ކޮލަމްބޯ (އެޕްރީލް 2) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ހާޒިރުގައި 800 ކިލޯގެ މަސްތުވާތަކެތި އިއްޔެ ނައްތާލައިފި އެވެ.


ނައްތާލާފައި ވަނީ ޖޫން 2016 އިން ޖޫން 2018 އަށް ފުލުހުން އަތުލައިގަތް މަސްތުވާތަކެއްޗެވެ. ފުލުހުން ބުނީ ކޯޓުން ވަކި ގޮތެއް ނިންމަންދެން އަދިވެސް އެތައް ޑްރަގެއް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ.

ސިރިސޭނާ ވަނީ ލަންކާ އަށް އެތެރެކުރާ ޑްރަގު އަތުލުމަށްޓަކައި އެއާޕޯޓްތަކާއި ކަނޑު ބަނދަރުތަކުގައި ހައި-ޓެކް އިކުއިޕްމަންޓް ހަރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑްރަގު ބޭނުންކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ތައްޔާރުވެފައިވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ވަނީ ބުނެފަ އެވެ.

ލަންކާގައި ޑްރަގު ނައްތާލަން ފުލުހުން ތައްޔާރުވަނީ. --ފޮޓޯ:އޭއެފްޕީ

މިދިޔަ ޖެނުއަރީ މަހު ފިލިޕީންސް އަށް ކުރެއްވި ދަތުރަށް ފަހު ސިރިސޭނާ ވަނީ ޑްރަގު ބޭނުންކުރާ މީހުންނާ ގުޅޭ ގޮތުން އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ކަންކުރައްވާ ގޮތް ކޮޕީ ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ލަންކާ ފުލުހުން ވަނީ 300 ކިލޯގެ ޑްރަގު އަތުލައިގެންފަ އެވެ. އެ ތަކެތީގެ އަގު 17 މިލިއަން ޑޮލަރަށް އަރަ އެވެ. ޕާކިސްތާނުން އެތެރެކުރި ޓްރެކްޓަރުތަކެއްގައި ފޮރުވައިގެން 2013 ވަނަ އަހަރު 260 ކިލޯގެ ޑްރަގު ލަންކާ އަށް އެތެރެ ކުރަނިކޮށް ވަނީ އަތުލައިގެންފަ އެވެ. ލަންކާ އިން އެންމެ ގިނަ އަދަދެއްގެ ޑްރަގު އަތުލައިގަތީ ޑިސެމްބަރު 2016 ގަ އެވެ. އެ އަހަރު އަތުލައިފައި ވަނީ 800 ކިލޯގެ ޑްރަގެވެ. އޭގެ ހަ މަސް ކުރިން ވަނީ ޝިޕިން ކޮންޓެއިނާތަކެއްގެ ތެރޭން 301 ކިލޯގެ ޑްރަގު އަތުލައިގެންފަ އެވެ. މިދިޔަ ހަފުތާގައި އީރާނުގެ މަސްވެރިންތަކެއް ލަންކާ އަށް އެތެރެކުރަން އުޅުނު 100 ކިލޯގެ ޑްރަގު ވަނީ އަތުލައިފަ އެވެ.

ލަންކާގައި ޑްރަގު ނައްތާލަން ހަމަޖެހިފައިވާ ތަނުގައި ފުލުހުންގެ ޓާސްކް ފޯހުން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާގައި ޑްރަގު ޑީލަރުންނަށް މަރުގެ އަދަބު ދޭނެ ކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މަރުގެ އަދަބު ދޭން ޖެހޭ މީހުންގެ ލިސްޓް މިހާރު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.

ލަންކާގައި މަރުގެ ހުކުމް ތަންފީޒް ކުރަން ފަށަނީ 40 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ސްރީ ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒްކޮށްފައި ވަނީ 1976 ވަނަ އަހަރު އެވެ.