އީރާނުގެ ރިވޮލިއުޝަނަރީ ގާޑަކީ ޓެރަރިސްޓް ޖަމާއަތަކަށް އެމެރިކާ އިން ހަދަނީ

ވޮޝިންޓަން (އެޕްރީލް 7) - އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޮޕްސް އަކީ "ޓެރަރިސްޓް ޖަމާއަތެއް"ގެ ގޮތުގައި އެމެރިކާ އިން އިއުލާން ކުރަން ނިންމާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.


މިއީ އެހެން ގައުމެއްގެ އަސްކަރިއްޔާ އަކީ "ޓެރަރިސްޓް ގްރޫޕެއްގެ" ގޮތުގައި އެމެރިކާ އިން އިއުލާން ކުރާ ފުރަތަމަ ފަހަރެވެ. ވޯލް ސްޓްރީޓުގެ ޚަބަރާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓް އަދި ވައިޓް ހައުސް އިން ވެސް ކޮމެންޓް ކޮށްފައެއް ނުވެ އެވެ.

އީރާނާ މެދު ހަރުކަށި އުސޫލެއް ގެންގުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ތެހެރާނާ މެދު ހަރުކަށިވުމުގެ ސިޔާސަތެއް ކުރިއަށް ނެރުއްވައިފަ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާ އިން ކަނޑައަޅަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވިތާ އަހަރެއް ނުވަނީހެވެ. އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅައިފަ އެވެ.

އެމެރިކާ އިން އެގޮތަށް ނިންމައިފި ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޮޕްސް އަކީ އެ ގައުމުގެ އެންމެ ވަރުގަދަ ސެކިއުރިޓީ އޮގަނައިޒޭޝަން އެވެ. އީރާނުގެ އިގްތިސާދާއި ސިޔާސީ ނިޒާމަށް އެ މީހުންގެ ބޮޑު ނުފޫޒެއް އޮވެ އެވެ. އީރާނުގެ ބެލިސްޓިކް މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމް ވެސް ހިންގަނީ ރިވޮލިއުޝަނަރީ ގާޑްސް ކޮޕްސްގެ ބެލުމުގެ ދަށުންނެވެ.