ބީޖޭޕީގެ މެނިފެސްޓޯ ދަނޑުވެރިންނާއި ހިންދޫންނަށް އަމާޒުކޮށްފައި

ނިއު ދިއްލީ (އެޕްރީލް 8) - އަންނަ ބުރާސްފަތި ދުވަހު ފަށާ އިންޑިއާގެ އާއްމު އިންތިޚާބަށް، ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ތައްޔާރު ކުރި މެނިފެސްޓޯ މިއަދު އާއްމު ކުރި އިރު ދަނޑުވެރިންނާއި ހިންދޫންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހިމަނައިފި އެވެ.


މަދުން އާމްދަނީ ލިބޭ ދަނޑުވެރިންގެ ސްކީމް ބޭޖޭޕީން ވަނީ ހުރިހާ ދަނޑުވެރިންނަށް ފުޅާ ކުރަން ނިންމައިފަ އެވެ. އެ ސްކީމްގެ ދަށުން ކޮންމެ ދަނޑުވެރިއަކަށް ވެސް އަހަރަކު 6،000 ރުޕީސް (86 ޑޮލަރު) ލިބޭނެ އެވެ. މަދުން އާމްދަނީ ލިބޭ ދަނޑުވެރިންގެ ގޮތުގައި ބަލައިފައި ވަނީ ދެ ހެކްޓަރަށް ވުރެ ކުޑަ ދަނޑުތައް ގެންގުޅޭ މީހުންނެވެ.

މެނިފެސްޓޯގައި ދެން ހިމަނާފައިވާ މުހިންމު އަނެއް ކަމަކީ ގައުމީ ސަލާމަތެވެ. މެނިފެސްޓޯ އާއްމު ކުރުމަށް ފަހު ހޯމް މިނިސްޓަރު ރަޖްނާތު ސިންގް ވަނީ ޓެރަރިޒަމަށް އޮންނާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ބީޖޭޕީގެ މެނިފެސްޓޯ ނެރުމުގެ ރަސްމިއްޔާތުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ (ވ) އާއި ޕާޓީގެ އިސް ބޭފުޅުން. --ފޮޓޯ:އޭއެފްޕީ

ފަގީރުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް މެނިފެސްޓޯގައި ބުނެފައިވެ އެވެ. ކޮންގްރެސް ޕާޓީއެކޭ އެއްގޮތަށް ބީޖޭޕީން ވެސް ވަނީ ނޭޝަނަލް އެސެމްބްލީ އާއި ސްޓޭޓް އެސެމްބްލީތަކުގެ 33 ޕަސެންޓް އަންހެނުންނަށް ރިޒާވް ކުރާނެ ކަމަށް ބުނެފަ އެވެ.

ބީޖޭޕީގެ މެނިފެސްޓޯގައި ވަނީ ކަނާތު ފިޔައިގެ ސަޕޯޓަރުންގެ ރުހުން ހޯދުމަށް ޕާޓީގެ ބައެއް ވައުދުތައް އިތުރަށް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ކަޝްމީރަށް ގާނޫނީ ގޮތުން ދީފައި އޮންނަ "ޚާއްސަ ހާލަތް" އުވާލުމާއި ހިންދޫންނަށް ފައްޅި އަޅައިދިނުން ހިމެނެ އެވެ. ހިންދޫންނާއި މުސްލިމުންނާ ދެމެދު ކުރިން ބޮޑު ހަމަނުޖެހުމެއް ހިންގި އަޔޯދިޔާގައި މިސްކިތް ހުރި ތަނުގައި ފައްޅިއެއް އަޅާނެ ކަމަށް ބީޖޭޕީގެ މެނިފެސްޓޯގައި ވަނީ ބުނެފަ އެވެ.

"މިއީ އިންޑިއާގެ ހުރިހާ ނަސްލެއްގެ ހުރިހާ އެންމެންނަށް އަަމާޒުކޮށްގެން ހަދާފައިވާ މެނިފެސްޓޯއެއް،" މެނިފެސްޓޯ ނެރުމުގެ ރަސްމިއްޔާތުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި އެވެ.

އިދިކޮޅު ކޮންގްރެސްގެ މެނިފެސްޓޯގައި ވަނީ އިންޑިއާގެ އެންމެ ފަގީރު 250 މިލިއަން މީހުންނަށް އަހަރަކު 72،000 ރުޕީސް (1،045 ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.