ޓެރަރިޒަމްގެ ލީޑަރަކީ އެމެރިކާ: ރޫހާނީ

ތެހެރާން (އެޕްރީލް 10) - ދުނިޔޭގެ ޓެރަރިޒަމްގެ ލީޑަރަކީ އެމެރިކާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.


އެމެރިކާ އިން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޮޕްސް އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. މިއީ ބޭރު ގައުމެއްގެ ސިފައިންނަކީ ޓެރަރިސްޓުންގެ ގޮތުގައި އެމެރިކާ އިން ކަނޑައެޅި ފުރަތަމަ ފަހަރެވެ. އެމެރިކާގެ ނިންމުމަށް ރައްދު ދެމުން ތެހެރާނުން ބުނެފައި ވަނީ އެމެރިކާ ސިފައިންނަކީ "ޓެރަރިސްޓުން" ކަމަށެވެ.

"އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅަން އެމެރިކާ ތިޔައީ ކޮން ބައެއް؟" ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ރޫހާނީ ވިދާޅުވި އެވެ.

ރިވޮލިއުޝަނަރީ ގާޑްސް 1979 ވަނަ އަހަރު އުފެދުނު ފަހުން ޓެރަރިޒަމާ ދެކޮޅަށް އެ މީހުން ކުރަމުންދާ މަސައްކަތަށް ރޫހާނީ ވަނީ ތައުރީފް ކުރައްވައިފަ އެވެ. އަދި ޓެރަރިޒަމްގެ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވަމުންދާ ބަޔަކީ އެމެރިކާ ސިފައިން ކަމަށް ރޫހާނީ ތުހުމަތު ކުރެއްވި އެވެ.

"މިއަދުގެ ދުނިޔޭގައި ޓެރަރިޒަމަށް ހިތްވަރު ދެނީ ކޮން ބައެއް؟ އިސްލާމިކް ސްޓޭޓް (އައިއެސް) ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަނީ ކޮން ބައެއް؟" ރޫހާނީ ސުވާލު ކުރެއްވި އެވެ.

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ ރިވޮލިއުޝަނަރީ ގާޑްސް އަށް ތައުރީފް ކުރައްވައިފަ އެވެ. އަދި ގައުމު ދިފާއު ކުރުމުގެ އެންމެ ކުރީ ސަފުގައި ތިބެންޖެހޭ ބަޔަކީ ގާޑްސް ކަމަށް ރޫހާނީ ވިދާޅުވި އެވެ.

އިރާނުގެ ގާޑްސް އެމެރިކާ އިން ބްލެކްލިސްޓް ކުރުމުން ސައުދީ އަރަބިއާ އާއި އިޒްރޭލުން ވަނީ ތައުރީފް ކޮށްފަ އެވެ.