ނަތަންޔާހޫ ފަސް ވަނަ ދައުރަކަށް

ތެލް އަވީވް (އެޕްރީލް 10) - އިޒްރޭލުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާތައް ގާތްގަނޑަކަށް ސާފުކޮށް ނިމިފައިވާ އިރު ބޮޑު ވަޒީރުކަމުގެ ފަސް ވަނަ ދައުރެއް ބެންޖަމިން ނަތަންޔާހޫ ކާމިޔާބު ކުރައްވާނެކަން ޔަގީންވެއްޖެ އެވެ.


ނަތަންޔާހޫގެ ލިކޫޑް ޕާޓީ އާއި ސިފައިންގެ ކުރީގެ ވެރިޔާ ބެނީ ގާންޒުގެ ބްލޫ އެންޑް ވައިޓް އެލަޔަންސް އިން ވަނީ އެއް އަދަދަކަށް ގޮނޑި ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ކަނާތު ފިޔައިގެ ޕާޓީތައް ލިކޫޑް ޕާޓީއާ ގުޅުމުން ޕާލަމެންޓުގެ ދަށުގޭގެ 120 ގޮނޑީގެ ތެރޭން 65 ގޮނޑީގެ އަޣުލަބިއްޔަތު ވަނީ ނަތަންޔަހޫ ހޯއްދަވައިފަ އެވެ. ފަސް ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ނަމަވެސް ނަތަންޔާހޫގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކޮށްފަ އެވެ.

އިންތިޚާބުގެ މިހާރުގެ ނަތީޖާ އޮތް ގޮތުން ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނީ ނަތަންޔާހޫ އެވެ. އަދި މި އަހަރުގެ ފަހުކޮޅާ ހަމައަށް ބޮޑު ވަޒީރުކަމުގައި ހުންނަވައިފި ނަމަ އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުކަން ކުރެއްވި ބޭފުޅާގެ ޝަރަފް ނަތަންޔާހޫ އަށް ލިބިވަޑައިގަންނަވާނެ އެވެ.

"އިޒްރޭލުގައި ގާއިމްކުރާނީ ކަނާތު ފިޔައިގެ ސަރުކާރެއް. އަޅުގަނޑު ވާނީ ހުރިހާ ރައްޔިތުންގެ ބޮޑު ވަޒީރަކަށް،" ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ނަތަންޔާހޫ، 69، ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާލަމެންޓް އިންތިޚާބުގައި މިހާތަނަށް އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެ އެވެ. މުޅިން ވެސް ގާއިމްކޮށްފައި ވަނީ ކޯލިޝަން ސަރުކާރުތަކެވެ.

ކެމްޕޭނުގައި ނަތަންޔާހޫ ވަނީ ޔަހޫދީންގެ ވޯޓު ހޯދުމަށް ހަރުކަށި މެސެޖްތައް ދެއްވައިފަ އެވެ. އޭގެ ތެރޭގައި ޔަހޫދީން ދިރިއުޅޭ ތަންތަން ހުޅަނގު އައްސޭރީގެ ބައެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.