ސޫދާނަށް ބަޣާވާތް ގެނައި ލީޑަރު އެއް ދުވަސް ފަހުން އިސްތިއުފާ ދީފި

ޚަރްތޫމް (އެޕްރީލް 13) - ސޫދާންގެ ރައީސް އުމަރު އަލް ބަޝީރުގެ 30 އަހަރުގެ ވެރިކަން ވައްޓާލި އެ ގައުމުގެ މިލިޓަރީ ކައުންސިލްގެ ވެރިޔާ އަދި ޑިފެންސް މިނިސްޓަރު އަވާދު އިބްން އައޫފް އިސްތިއުފާ ދީފި އެވެ.


ބަޣާވާތް ކުރިތާ އެއް ދުވަސްފަހުން ގައުމީ ޓީވީ މެދުވެރިކޮށް އިސްތިއުފާ އިއުލާން ކުރައްވަމުން އައޫފް ވަނީ ސިފައިންގެ އިސްވެރިއެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް އަބްދުލް ފައްތާހް އަބްދުއްރަހްމާން ބުރްހާން އަށް ވެރިކަން ހަވާލު ކުރައްވައިފަ އެވެ. ސިފައިން ބުނެފައި ވަނީ ގައުމުގެ ވެރިކަމުގައި ދެ އަހަރު އެ މީހުން ތިބޭނެ ކަމަށެވެ. ނަމަވެސް މަގުތަކަށް ނުކުމެ މުޒާހަރާ ކުރާ މީހުން ބުނަމުން ދަނީ މަދަނީ ސަރުކާރެއް ގާއިމްވަންދެން އެ މީހުންގެ އިހްތިޖާޖް ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް އުމަރު ބަޝީރާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މުޒާހަރާތައް ކުރަން ފަށާފައި ވަނީ ތަކެތީގެ އަގު ބޮޑުވަމުންދާތީ އެވެ. ދެކުނު ސާދާނުގެ ދާފޫރުގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އުމަރު ބަޝީރުގެ މައްސަލަތައް ވަނީ ބައިނަލްއަގުވާނީ ޖިނާއީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

ސޫދާނާގެ ވެރިކަމާ ހަވާލުވި ޖެނެރަލަކީ ސިފައިންގެ އެހެންވެރިންނަށް ވުރެ ރެކޯޑް ސާފް ބޭފުޅެއް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސް އިން ވަނީ ބުނެފަ އެވެ. އަދި މުޒާހަރާ ކުރާ މީހުންގެ އަޑުތައް އެހުމަށް އެ މީހުންނާ އޭނާ ބައްދަލުކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.