ކަނޑުތައް ހިމާޔަތްކުރަން ސީޝެލްސްގެ ރައީސް ކަނޑުއަޑިން ތަގްރީރު ކުރައްވައިފި

ވިކްޓޯރިއާ (އެޕްރީލް 15) - ދުނިޔޭގެ ކަނޑުތައް ހިމާޔަތް ކުރުމަށް ސީޝެލްސްގެ ރައީސް ޑެނީ ފައުރޭ އިންޑިއާ ކަނޑުގެ އަޑިން ތަގްރީރެއް ދެއްވައިފި އެވެ.


ގާތްގަނޑަކަށް 124 މީޓަރު (406 ފޫޓް) އަޑިން އޯޝަން ޒެފިއާ ނަމަކަށް ކިޔާ އުޅަނދެއްގައި ދެއްވި ތަގްރީރުގައި ފައުރޭ ވަނީ އިންސާނުންގެ ސަލާމަތަށްޓަކައި ކަނޑުތައް ރައްކާތެރި ކުރުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ. ފައުރޭ ތަގްރީރު ދެއްވީ ކަނޑުއަޑި ބަލާ އިނގިރޭސި ވިލާތުގެ ރިސާޗް ޓީމަކާ ގުޅިވަޑައިގެންނެވެ.

ސީޝެލްސް އިން މިދިޔަ އަހަރު ވަނީ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދެއް ގާއިމްކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް އިނގިރޭސި ވިލާތާ އެއްވަރުގެ ސަރަހައްދެކެވެ.

ކަނޑުއަޑިން ދެއްވި ލައިވް ތަގްރީރުގައި ފައުރޭ ވިދާޅުވީ ދުނިޔޭގެ ކަނޑުތަކަށް ވަނީ މީގެ ކުރިން ކުރިމަތިނުވާ ވަރުގެ ނުރައްކާތަކެއް ކުރިމަތިވެފައި ކަމަށެވެ. އަދި އެ ނުރައްކަލުން ސަލާމަތްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.

ސީޝެލްސްގެ ރައީސް ފައުރޭ (ވ) އޯޝަން ޒެފިއާ އުޅަނދުގައި. --ފޮޓޯ:އޭޕީ

ފައުރޭގެ ތަގްރީރުގައި ކަނޑުތައް ސިފަކޮށްފައި ވަނީ ދުނިޔޭގެ "ނޫ ހިތުގެ" ގޮތުގަ އެވެ.

"މިއީ އަހަރެމެން އެންމެންނަށް ވުރެ ބޮޑު މައްސަލައެއް. ދެން އަންނަ ޖީލުން މިކަން ހައްލު ކުރަން މަޑުކޮށްގެން ނުތިބެވޭނެ. އުޒުރު ދެއްކުން ހުއްޓާލަން ވެއްޖެ،" ފައުރޭއާ ހަވާލާދީ ސީޝެލްސްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "މިއީ މި ގައުމަށް ވެސް ތާރީޚީ ވަގުތެއް."

ސީޝެލްސްގެ ރައީސް ކަނޑުއަޑިން ތަގްރީރެއް ދެއްވުމުގެ ބޭނުމަކީ އަންނަ އަހަރު އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ 30 ޕަސެންޓް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން އާއްމުންގެ ތާއީދު ހޯދުމެވެ. ފެބްރުއަރީ 2018 ގައި ސީޝެލްސް އިން ވަނީ 210،000 އަކަ ކިލޯ މީޓަރު (81،000 އަކަ މޭލު) ގެ ސަރަހައްދެއް ހިމާޔަތްކޮށްފަ އެވެ.

މި އަހަރުގެ ޑިސެމްބަރު މަހު ޗިލީގައި ބާއްވާ އދ.ގެ މޫސުމާ ބެހޭ ސަމިޓުގައި ހިމެނޭ މައިގަނޑު ހަތް ތީމުގެ ތެރޭގައި ކަނޑުތައް ހިމެނެ އެވެ.