ސަރުކާރެއް އުފެއްދޭވަރަށް ނަތަންޔާހޫ ތާއީދު ހޯއްދަވައިިފި

ތެލް އަވީވް (އެޕްރީލް 17) - ކޯލިޝަން ސަރުކާރެއް އުފެއްދޭވަރަށް ޕާލަމެންޓުގެ މެންބަރުން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ތާއީދުކޮށްފައިވާ ކަމަށް އިޒްރޭލުގެ ރައީސް ރެއުވެން ރިވްލިން ވިދާޅުވެއްޖެ އެވެ.


ކޮރަޕްޝަނުގެ ތިން ދައުވާއެއް ނަތަންޔާހޫގެ މައްޗަށް އުފުލާފައިވީ ނަމަވެސް މި މަހު 9 ވަނަ ދުވަހު ބޭއްވި އިންތިޚާބަށް ފަހު، ފަސް ވަނަ ދައުރަކަށް ބޮޑު ވަޒީރުކަން ނަތަންޔާހޫ އަށް ލިބުމުގެ ފުރުސަތު އޮތީ ބޮޑުވެފަ އެވެ.

އިޒްރޭލުގައި އޮންނަ ގޮތުން ސަރުކާރެއް އުފެއްދުމުގެ ފުރުސަތު އެންމެ ބޮޑު ޕާޓީއެއް އިޚްތިޔާރު ކުރާނީ ރައީސް އެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ނަތަންޔާހޫގެ ލިކޫޑް ޕާޓީ އަށް ވަނީ 35 ގޮނޑި ލިބިފަ އެވެ. އަދި ވާދަވެރި ކެންޑިޑޭޓް ސިފައިންގެ ކުރީގެ ވެރިޔާ ބެނީ ގާންޒުގެ ބްލޫ އެންޑް ވައިޓް ޕާޓީ އަށް ވެސް ވަނީ 35 ގޮނޑި ލިބިފަ އެވެ. ނަމަވެސް ކަނާތު ފިޔައިގެ ޕާޓީތަކުގެ ތާއީދާ އެކު ނަތަންޔާހޫގެ ކޯލިޝަނުން ވަނީ ޕާލަމެންޓުގެ 120 ގޮނޑީގެ ތެރޭން 65 ގޮނޑި ހޯދައިފަ އެވެ. ގާންޒަށް ލިބިފައި ވަނީ 45 މެންބަރުންގެ ތާއީދެވެ. އަރަބި ޕާޓީތަކުގެ 10 މެންބަރުން ވަކިކޮޅަކަށް ތާއީދެއް ނުކުރެ އެވެ.

ނަތަންޔާހޫ ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އޭނާ އަށް މިހާރު މަރުހަބާ ކިޔަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އަރަބި ގައުމުތަކުގެ ވެރިން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.