އިންތިޚާބު ބާތިލްކޮށް އަލުން ވޯޓުލާން އުރުދުޣާންގެ ޕާޓީން އެދިއްޖެ

އިސްތަންބޫލް (އެޕްރީލް 17) - ތުރުކީގެ އެންމެ ބޮޑު ސިޓީ އިސްތަންބޫލްގެ މުނިސިޕަލް އިންތިޚާބު ބާތިލްކޮށް އަލުން ވޯޓުލުމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ) އިން އެދިއްޖެ އެވެ.


އިސްތަންބޫލްގެ ނަތީޖާ ބާތިލްކުރުމަށް އޭކޭ ޕާޓީން އެދިފައި ވަނީ އިސްތަންބޫލްގެ އިންތިޚާބު އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިން ހަނިގޮތަކަށް ކާމިޔާބު ކުރިތާ ދެ ހަފުތާ ފަހުންނެވެ. އިސްތަންބޫލްގެ ވެރިކަން ވޭތުވެދިޔަ 25 އަހަރު ކުރީ އޭކޭ ޕާޓީ އާއި އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކުންނެވެ.

ވޯޓުގައި އޮޅުންތައް ހުރި ކަމަށް ބުނެ އޭކޭ ޕާޓީން ކުރިން ވަނީ އިސްތަންބޫލްގެ ވޯޓު އަލުން ގުނަށް ވެސް އެދިފަ އެވެ. އެއް ޑިސްޓްރިކްޓުގެ ވޯޓު އަލުން ގުނުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ.

އިންތިޚާބު ބާތިލް ކުރުމަށް ތުރުކީގެ ހައި އިލެކްޝަން ބޯޑް (ވައިއެސްކޭ) އަށް އޭކޭ ޕާޓީގެ ޑިޕިއުޓީ ޗެއާމަން އަލީ އިހްސާން ޔަވޫޒް ހުށަހެޅީ ތިން ފޮށި ފުރާހުރި ލިޔުންތަކާ އެކު އެވެ.

"އިސްތަންބޫލްގެ ނަތީޖާއާ މެދު ޝައްކު އުފެދޭ. އެ ޝައްކުތައް އަދިވެސް ފިލައިގެން ނުދޭ،" އަލީ ވިދާޅުވި އެވެ.

މާޗް 31 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އޭކޭ ޕާޓީ އާއި ސީއެޗްޕީއާ ދެމެދު ފަރަގު ހުރީ 30،000 ވޯޓެވެ. ވޯޓު އަލުން ގުނުމުން ފަރަގު ވަނީ 14،000 އަށް ކުޑަވެފަ އެވެ.

އޭކޭ ޕާޓީ އަށް ވަނީ ވެރިރަށް އަންކަރާގެ އިންތިޚާބު ވެސް ގެއްލިފަ އެވެ.