ނަވާޒް ޝަރީފުގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވަނީ

އިސްލާމްއާބާދު (މެއި 28) - ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފުގެ ހިތްޕުޅުގެ އޮޕަރޭޝަނެއް އަންނަ އަންގާރަ ދުވަހު ލަންޑަނުގައި ކުރައްވާނެ ކަމަށް އެ މަނިކުފާނުގެ ދަރިކަނބަލަކު ވިދާޅުވެއްޖެ އެވެ.


މިއީ ވޭތުވެދިޔަ ފަސް އަހަރު ދުވަހު ތެރޭ، އުމުރުފުޅުން 66 އަހަރުގެ ނަވާޒް ޝަރީފް ކުރައްވާ ހިތްޕުޅުގެ ދެ ވަނަ އޮޕަރޭޝަނެވެ. އެކަމަކު މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލް ހާމަކުރައްވައިފައެއް ނުވެ އެވެ. ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ ބައްޕާފުޅުގެ ހިތްޕުޅުގެ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށާއި އޮޕަރޭޝަނަށް ފަހު ވެސް ހަފުތާއެއްހާ ދުވަހު ހޮސްޕިޓަލުގައި އޮންނަވާނެ ކަމަށެވެ.

"ޑޮކްޓަރުންގެ ޓީމުން ޓެސްޓްތައް ހެއްދެވުމަށް ފަހު ނިންމާފައި ވަނީ އޯޕަން ހާޓް ސާޖަރީއަކަށް ދާން،" މަރިޔަމް ޓްވީޓް ކުރައްވާފައިވެ އެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް.

ނަވާޒް ޝަރީފް ވަނީ 2011 ވަނަ އަހަރު ވެސް ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވައިފަ އެވެ.

ނަވާޒް ޝަރީފުގެ އޮޕަރޭޝަނުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އަވަސް ޝިފާއަކަށާއި ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން ޓްވީޓް ކުރައްވައިފަ އެވެ.

ޕާކިސްތާން ސަރުކާރުގެ އޮފިޝަލަކު ވެސް ވިދާޅުވެފައި ވަނީ ނަވާޒް ޝަރީފް ހޮސްޕިޓަލުގައި ހޭދަކުރައްވާނީ ހަފުތާއެއްހާ ދުވަހު ކަމަށާއި އޭގެ ފަހުން އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އޮޕަރޭޝަނުގެ ހުރިހާ ޚަރަދެއް ކުރައްވަނީ ނަވާޒް ޝަރީފުގެ އަމިއްލަފުޅު ޖީބުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ޑޮކްޓަރުންގެ ޓީމުން ޓެސްޓްތައް ހެއްދެވުމަށް ފަހު ނިންމާފައި ވަނީ އޯޕަން ހާޓް ސާޖަރީއަކަށް ދާން،" ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް

ޓެކްސް އަށް މަކަރުހަދާ ފަރާތްތަކުގެ ގޮތުގައި ދާދި ފަހުން ލީކުކޮށްލި ޕެނަމާ ޕޭޕާސްގައި ނަވާޒް ޝަރީފުގެ ނަން އޮތުމުން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑު ފިއްތުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ. ނަވާޒް ޝަރީފް އާއި އެމަނިކުފާނުގެ އާއިލާ އިން ބުނެފައި ވަނީ އެއްވެސް ކަމެއް ގޯހުން ކޮށްފައި ނުވާނެ ކަމަށެވެ. އަދި މިއީ ޕަރްވޭޒް މުޝައްރަފުގެ ވެރިކަމުގައި ވެސް ދެ ފަހަރަށް ތަހްގީގުކޮށްފައިވާ މައްސަލައެއް ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ މަގާމު ނަވާޒް ޝަރީފް ތިން ވަނަ ފަހަރަށް ކާމިޔާބު ކުރެއްވީ 2013 ވަނަ އަހަރުގެ އިންތިޚާބުގައި ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.