ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް 464 ގެ އެޅުމަށް އިޒްރޭލުން ހުއްދަދީފި

ގުދުސް (ސެޕްޓެމްބަރު 1) - ހުޅަނގު އައްސޭރީގައި ހިފައިފައިވާ ބިންތަކުގައި ޔަހޫދީންނަށް 464 ގެ އަޅައިދިނުމަށް އިޒްރޭލުން ހުއްދަ ދީފައިވާ ކަމަށް ޕީސް ނައު ޖަމިއްޔާ އިން ބުނެފި އެވެ.


ހުޅަނގު އައްސޭރީގެ އެލަކަނާގައި 234 ޔުނިޓުގެ ނާސިން ހޯމް އަކާއި ބެއިތު އަރީގައި 30 ގެ އާއި ގިވަތު ޒީވްގައި 20 ގެ އަޅައިދިނުމުގެ އިތުރުން އޮފާރިމްގައި 179 ގެ އަޅައިދިނުމުގެ ހުއްދަ އިޒްރޭލުގެ ކެބިނެޓުން ދީފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

ޔަހޫދީންނަށް އާ ގެތަކެއް އަޅައިދޭތީ އެމެރިކާ އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ޔަހޫދީންނަށް ގެ އަޅައިދިނުމަކީ މެދުއިރުމަތީގެ ސުލްހަ އަށް ވަރަށް ސީރިއަސް މައްސަލަތަކެއް ދިމާވާނެ ކަމެއް ކަމަށް ވެސް އެމެރިކާ އިން ބުނެފައިވެ އެވެ.

ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގެ ބިންތައް އިޒްރޭލުން 1967 ވަނަ އަހަރު ހިފި ފަހުން އެ ތަންތަނުގައި ހަދާފައިވާ 100 އަށް ވުރެ ގިނަ ޔަހޫދީން އާބާދު ކުރާ ސަރަހައްދުތަކުގައި 570،000 އަށް ވުރެ ގިނަ އިޒްރޭލް މީހުން ދިރިއުޅެ އެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރާ ކަމެއް ނަމަވެސް އިޒްރޭލުން އެކަން ގަބޫލެއް ނުކުރެ އެވެ.

ޕީސް ނައު ޖަމިއްޔާ އިން ބުނީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެ އަޅާ ސަރަހައްދުތަކުގައި މި އަހަރު ވަނީ 2،623 ހައުސިން ޔުނިޓް އަޅަން ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ ސިވިލް އެޑްމިނިސްޓްރޭޝަނުން ހުއްދަދީފަ އެވެ.

އެމެރިކާގެ ސީނިއާ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވީ ޔަހޫދީ އާބާދީތައް އިތުރު ކުރުމުގެ އިތުރުން ފަލަސްތީނު މީހުންގެ ގެތައް އިޒްރޭލުން ތަޅާ ސުންނާފަތި ކުރަމުން ދިއުމަކީ މެދުއިރުމަތީގެ މައްސަލައިގެ ހުޅު އިތުރަށް ފަޅައިގެންދާނެ ކަމެއް ކަމަށެވެ. މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތަށް އދ. އިން ކަނޑައަޅާފައި ހުންނަ ކޯޑިނޭޓަރު ނިކޮލައި މިލަދެނޯފް ވެސް ވަނީ ޔަހޫދީ އާބާދީ ބޮޑު ކުރަން ކުރާ މަސައްކަތަށް އަންގާރަ ދުވަހު ފާޑު ވިދާޅުވެފަ އެވެ.

"އިޒްރޭލުން ފަލަސްތީނުގެ ބިންތައް 1967 ވަނަ އަހަރު ހިފި ފަހުން ބައިމިލިއަނަށް ވުރެ ގިނަ ޔަހޫދިން ވަނީ އާބާދު ކުރުވައިފައި. މިއީ ސުލްހަ ހޯދުމަށް ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއް ނޫން،" ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

މިލަދެނޯފް އަށް ރައްދު ދެއްވާ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތަރުޖަމާން ވިދާޅުވީ އދ. ގެ މަންދޫބު މަސައްކަތް ކުރައްވަނީ ތާރީޚު އޮޅުވާލައްވަން ކަމަށެވެ.

""ގުދުސްގައި ޔަހޫދީން އުޅެމުންދާތާ އެތައް ހާސް އަހަރެއް ވެއްޖެ. ޔަހޫދީން ތިބުމަކީ ސުލްހަ އަށް އެޅޭ ހުރަހެއް ނޫން،" އިޒްރޭލުގެ ތަރުޖަމާން ވިދާޅުވި އެވެ.