ބޮމުގެ ހަމަލާ ދޭން އުޅޭކަން 10 ދުވަސް ކުރިން އެނގުނު

ކޮލަމްބޯ (އެޕްރީލް 21) - ސްރީ ލަންކާގައި ފައްޅިތަކެއްގައި ޖާނުންފިދާވެގެން ބޮމުގެ ހަމަލާ ދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ލިބިގެން، ފުލުހުންގެ ވެރިޔާ ޕުޖޫތު ޖަޔަސުންދަރަ ވަނީ 10 ދުވަސްކުރިން އެ މައުލޫމާތު ފުލުހުންގެ އިސް އޮފިސަރުންނާ ހިއްސާކޮށްފައިކަން ހާމަވެއްޖެ އެވެ.


ފުލުހުންގެ އޮފިސަރުންނަށް ޖަޔަސުންދަރަ ފޮނުއްވި އެލާޓުގައި ވިދާޅުވެފައި ވަނީ އެންޓީޖޭ (ނޭޝަނަލް ތައުހީދު ޖަމާއަތް) އިން ލަންކާގެ މަޝްހޫރު ފައްޅިތަކުގެ އިތުރުން ކޮލަމްބޯގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ޖާނުންފިދާވުމުގެ ހަމަލާތަކެއް ދޭން އުޅޭކަމުގެ މައުލޫމާތު ބޭރުގެ ޖާސޫސީ އިދާރާއަކުން ދީފައިވާ ކަމަށެވެ.

އެންޓީޖޭ އަކީ ލަންކާގައި ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ. ބުޑިސްޓުންގެ ތަންތަނަށް މިދިޔަ އަހަރު ހަމަލާ ދިނީ ވެސް އެ ޖަމާއަތުންނެވެ.

ސްރީ ލަންކާގެ ޝަންގްރިއްލާ ހޮޓަލުގައި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާގައި މިއަދު އެންމެ ފުރަތަމަ ބޮން ގޮއްވާލީ ކޮލަމްބޯގެ ސެއިންޓް އެންތަނީ ފައްޅީގަ އެވެ. އޭގެ ފަހުން ނިގަމްބޯގެ ސެއިންޓް ސެބަސްޓިން ފައްޅީގައި ބޮން ގޮއްވާލި އެވެ. ތިން ވަނަ ހަމަލާ ދިނީ ބަޓިކަލޯގެ ފައްޅިއެއްގަ އެވެ. އޭގެ ފަހުން ވަނީ ކޮލަމްބޯގެ މަޝްހޫރު ތިން ޓޫރިސްޓް ހޮޓަލަށް ހަމަލާދީފަ އެވެ. ހަމަލާތަކުގެ އަމާޒަކަށް ހެދީ ގޯލް ފޭސް ގްރީން އަށް ވާގޮތަށް ހުންނަ ޝަންގްރިއްލާ އާއި ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅާ ކައިރީގައި ހުންނަ ސިނަމަން ގްރޭންޑް އަދި ރައީސްގެ ސެކްރެޓޭރިއަޓާ ކައިރީގައި ހުންނަ ކިންގްސްބަރީ ހޮޓަލެވެ. ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 185 މީހުން މަރުވެފަ އެވެ.

ހޮސްޕިޓަލްތަކުން ބުނެފައި ވަނީ މަރުވި މީހުންގެ ތެރޭގައި އިނގިރޭސި ވިލާތް، ހޮލެންޑް އަދި އެމެރިކާގެ ރައްޔިތުން ހިމެނޭ ކަމަށެވެ.

ޝެންގްރިއްލާ ހޮޓަލުުގައި މިއަދު ބޮން ގޮއްވާލި ތަނުގައި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ބޭރުގެ ހައްދުފަހަނަޅާފައިވާ ޖަމާއަތަކާ ގުޅިފައިވާ ބަޔަކު ލަންކާގައި މީގެ ކުރިން ހަމަލާދީފައެއް ނުވެ އެވެ. ނަމަވެސް ލަންކާާގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ސީރިއާގައި ހަނގުރާމަ ކުރި ލަންކާގެ 37 އަހަރުގެ މީހަކު 2016 ވަނަ އަހަރު މަރުވެފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ފުލުހުން ވަނީ ލަންކާގެ ހަރުކަށި ގްރޫޕެއްގެ ހަތަރު މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން ވަނީ ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ގޮވާ ތަކެތި ފުލުހުން ހޯދައިފަ އެވެ.