ޕާކިސްތާނުގެ ދަނޑުވެރިންނަށް ފަސް މިލިއަން ސްމާޓްފޯނު ދެނީ

އިސްލާމްއާބާދު (ސެޕްޓެމްބަރު 1) - ދަނޑުވެރިކަމުގެ ފަހުގެ ޓެކްނޮލޮޖީގެ މައުލޫމާތު ފޯރުކޮށް ދިނުމުގެ ބޭނުމުގައި ޕާކިސްތާނުގެ ފަސް މިލިއަން ދަނޑުވެރިންނަށް ސްމާޓް ފޯނު ދޭ ގޮތަށް ހަމަޖެހިފައިވާ އެ ގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.


ޕަންޖާބުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ބޯޑުގެ ޗެއާމަން އުމަރު ސާއިފް ވިދާޅުވީ ދަނޑުވެރިންނަށް ދޫކުރާ ފޯނުގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހު ފޯރުކޮށްދޭން ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދަނޑުވެރިކަމާ ބެހޭ ތަޖްރިބާކާރުންގެ ލަފާތައް ވެސް މި ފޯނުތަކަށް ފޮނުުވާނެ ކަމަށެވެ.

"ގަސްތަކަށް ބޭސް ޖަހާނެ ގޮތުގެ މައުލޫމާތު ވެސް ފޯނު މެދުވެރިކޮށް ހިލޭ ފޯރުކޮށްދެވޭނެ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ އާއި ކެންޔާ ފަދަ ގައުމުތަކުގެ ދަނޑުވެރިންނަށް ދާދި ފަހުން ވަނީ ސްމާޓް ފޯނު މެދުވެރިކޮށް ދަނޑުވެރިކަމާ ބެހޭ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދޭން ފަށައިފަ އެވެ. އިންޑިއާގައި ލިޔަން ކިޔަން ނޭނގޭ މީހުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ސްމާޓް ފޯނުގެ އިންޓަފޭސް ޑިޒައިން ކުރުމުގައި ޑެންމާކުގެ އާލްބޯގް ޔުނިވާސިޓީގެ ތަޖްރިބާކާރުންގެ އެހީ ވަނީ ހޯދައިފަ އެވެ.

ޑެންމާކް ޔުނިވާސިޓީގެ ހެންޑްރިކް ނޮޗް ވިދާޅުވީ އޭނާގެ ތަޖްރިބާ އަށް ބަލާއިރު އެންމެ ބޭނުންވާ މައުލޫމާތު ދަނޑުވެރިންނަށް ލިބުމުގައި މައްސަލަތައް ދިމާވެ އެވެ. ސަބަބަކީ ދަނޑުވެރިން ޝައުގުވެރިވާ މައުލޫމާތު އޮންލައިންކޮށް ލިބެން ނުހުންނާތީ އެވެ.