ހަމަލާގެ މައުލޫމާތު ފޯރުކޮށްދިނީ އިންޑިއާ އިން: ރަނިލް

ކޮލަމްބޯ (އެޕްރީލް 24) - ސްރީ ލަންކާގައި ޓެރަރިސްޓް ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އިންޓަލިޖެންސް މައުލޫމާތު އިންޑިއާ އިން ކުރިން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އެކަމުގައި ފިޔަވަޅު އެޅުމުގައި ސަލާމަތީ ފަރާތްތައް ފެއިލްވެފައިވާ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.


"އިންޑިއާ އިން ދިން މައުލޫމާތު ކަމާބެހޭ ހުރިހާ ފަރާތްތަކުގެ މެދުގައި ހިއްސާ ކުރެވިފައެއް ނުވޭ،" އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރަނިލް ވިދާޅުވި އެވެ.

ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނަރަތުނަ ވިދާޅުވީ އިންޓަލިޖެންސް މައުލޫމާތު ބޮޑު ވަޒީރު ރަނިލް އާއި ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ބޮޑު ވަޒީރު ވިދާޅުވީ ހަމަލާ ތަހުގީގު ކުރުމުގައި ޗައިނާ، ޕާކިސްތާން ފަދަ އެތައް ގައުމެއްގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.

އީސްޓާ ސަންޑޭގައި ލަންކާގެ ތިން ފައްޅިއަކާއި ކޮލަމްބޯގެ މަޝްހޫރު ތިން ހޮޓަލެއްގައި ބޮން ގޮއްވުމުން މަރުވި މީހުންގެ އަދަދު ވަނީ 359 އަށް އަރައިފަ އެވެ. ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އުފުލައިފަ އެވެ. ނަމަވެސް ލަންކާ ސަރުކާރުން ކުރިން ބުނެފައި ވަނީ އެ ހަމަލާގެ ފަހަތުގައި ވަނީ އެ ގައުމުގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް ކަމަށެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައި ވަނީ އިންޑިއާ އިން އިންޓަލިޖެންސް މައުލޫމާތު ލަންކާގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައި ވަނީ ހަމަލާ ދިނުމުގެ ދެ ގަޑިއިރު ކުރިން ކަމަށެވެ.

ހަމަލާ ދިން ފައްޅިއެއްގެ ބޭރުގައި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

"ހަމަލާ ދިނީ ބޭރުގެ ބަޔަކާ ގުޅުން އޮންނަ ލަންކާ ބަޔަކު. އެހެންވެ ބޭރުގެ އެޖެންސީތަކުގެ އެހީ ހޯދަނީ،" ރަނިލް ވިދާޅުވި އެވެ. "އިންޑިއާއާ އެކު އިންޓަލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ ރަނގަޅު ނިޒާމެއް ވަނީ ގާއިމްކުރެވިފައި."

ބޮޑު ވަޒީރު ވިދާޅުވީ ލަންކާގައި ހަމަލާ ދިނީ މިދިޔަ މަހު ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާގެ ބަދަލު ހިފަން ކަމަށް ވެސް ވެދާނެ ކަމަށެވެ. ލަންކާގެ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވައިފަ އެވެ.