މައްސަލަ ގޯސްވާ ނަމަ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރާނަން: އީރާން

ތެހެރާން (އެޕްރީލް 29) - އީރާނާ ދެކޮޅަށް ދެކޮޅުވެރިކަމުގެ ހަރަކާތްތައް މާގިނައިން ހިންގާ ނަމަ އާގު ބޯޓު ފަހަރު ދަތުރު ކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރަންޖެހިދާނެ ކަމުގެ އިންޒާރު އީރާނުގެ ޖެނެރަލަކު ދެއްވައިފި އެވެ.


"ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރުމުގެ ގާބިލްކަން އީރާނަށް ލިބިގެންވޭ. އީރާނުގެ ތެޔޮ ހޮރްމޫޒް ކަނޑުއޮޅިން ނުގެންދެވޭ ކަމަށް ވަންޏާ އެހެން ގައުމުތަކުގެ ތެޔޮ ވެސް އެ ކަނޑުއޮޅިން ނުގެންދެވޭނެ،" އީރާން ސިފައިންގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަޣާރީ ވިދާޅުވި އެވެ.

އީރާނުން މި އިންޒާރު ދީފައި ވަނީ އެ ގައުމުގެ ތެޔޮ ގަންނަ ގައުމުތައް ކަމަށްވާ އިންޑިއާ، ޗައިނާ އަދި ތުރުކީ އަށް ދީފައި އޮންނަ އިނާޔަތް އުވާލައި އެ ގައުމުތަކާ ދެކޮޅަށް ވެސް ހަރުކަށިވާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފައި ވަނިކޮށެވެ.

"އަޅުގަނޑުމެން ގަބޫލް ކުރަނީ އީރާނުގެ ތެޔޮ ވެސް ވިއްކެން ޖެހޭނެ ކަމަށް. އަދި ހޮރްމޫޒް ކަނޑުއޮޅި ވެސް ބޭނުން ކުރެވެން ޖެހޭނެ ކަމަށް. އެކަމަކު އީރާނުން އެކަން ކުރުމަށް ހުރަސް އެޅޭ ގޮތަށް އެމެރިކާ އިން މޮޔަ ފިޔަވަޅުތައް އަޅަމުންދާ ނަމަ އޭގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެ،" އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވި އެވެ. "ޕާސިއަން ގަލްފާއި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލާފައި ބޭއްވުމަކީ އީރާނުގެ ގައުމީ ސަލާމަތާ ގުޅިފައި އޮންނަ ކަމެއް. އީރާނުން މީގެ ކުރިން ވެސް ވަނީ އެކަން ކޮށްދީފައި."