ޗައިނާގެ ޒިންޖިއާންގައި މިއަހަރު ވެސް ރޯދަ ހިފުން މަނާ

ޒިންޖިއާން (މެއި 4) - ޗައިނާގައި ގިނަ އަދަދަކަށް މުސްލިމުން ދިރިއުޅޭ ޒިންޖިއާން ސަރަހައްދުގައި ސިވިލް ސާވަންޓުންނާއި ކިޔަވާ ކުދިންނާއި ޓީޗަރުން މި އަހަރު ވެސް ރޯދަ މަހު ރޯދަ އަށް ތިބުން މަނާކޮށްފި އެވެ.


މުސްލިމުން ރޯދަ ނުހިފަން އަންގަމުންދާ އިރު ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓުމަށް ވަނީ އަންގައިފަ އެވެ.

ޒިންޖިއާންގެ ޖިންގެ ކައުންޓީގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުގައި ބުނެފައި ވަނީ ރޯދަ މަހު ދުވާލު ވަގުތުތަކުގައި ވެސް ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވަން ޖެހޭނެ ކަމަށެވެ. ބޯލް ކައުންޓީގެ އޮފިޝަލުން ބުނެފައި ވަނީ ރޯދަ ހިފުން ފަދަ ދީނީ އެއްވެސް ކަމެއްގައި މުސްލިމުންނަށް ބައިވެރި ނުވެވޭނެ ކަމަށެވެ.

ޗައިނާގެ ޒިންޖިއާންގައި ކޮންމެ އަހަރެއްގައި ވެސް އުއިގޫރް މުސްލިމުންނަށް ދަތިކޮށް ރޯދަ ހިފުން މަނާކުރެ އެވެ. މީގެ ކުރިން ވަނީ ސްކޫލް ކުދިން ވެސް ރޯދަ ނުހިފަން އަންގާ ސްކޫލްތަކަށް ލިޔުންތައް ފޮނުވައިފަ އެވެ. ޗައިނާ އިން ބުނެފައި ވަނީ ޒިންޖިއާންގައި ހައްދުފަހަނަޅާފައިވާ ޖަމާއަތްތައް އިތުރުވަމުންދާތީ ޓެރަރިސްޓް ހަމަލާއެއް ދީފާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

ކަޒަކްސްތާން ބޯޑަރާ ކައިރީގައި އޮންނަ ޔިލީ އަވަށުގެ އޮފިޝަލުން ބުނެފައި ވަނީ ސަރުކާރުގެ ވެބްސައިޓުގައިވާ ލިޔުމާ އެއްގޮތަށް، އެ އަވަށުގެ މިސްކިތްތަކަށް ނަމާދަށް އަންނަ މީހުންގެ އައިޑީ ކާޑް ޗެކް ކުރާނެ ކަމަށެވެ.