މެލޭޝިއާގެ އުއްތަމަ ފަނޑިޔާރު ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސައިފި

ކުއާލަ ލަމްޕޫރު (މެއި 3) - މެލޭޝިއާގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖަައްސައިފި އެވެ.


މެލޭ މުސްލިމް ދަރިކޮޅުގެ މީހެއް ކަމަށްވާ ޓެންކޫ މައިމޫން ޓުއާން މަތު ހަމަޖެއްސިކަން ބޮޑު ވަޒީރުގެ އޮފީހުން އިއުލާންކުރީ އިއްޔެ އެވެ. ބޮޑު ވަޒީރުގެ މަޝްވަރާގެ މަތިން އުއްތަމަ ފަނޑިޔާރު ކަނޑައަޅަނީ މެލޭޝިއާގެ ރަސްގެފާނެވެ. ވޭތުވެދިޔަ އަހަރުތަކުގައި މެލޭޝިއާގެ މަތީ ކޯޓުތަކަށް އަންހެން ފަނޑިޔާރުން ހަމަޖައްސާ އަދަދު ވަނީ އިތުރު ކުރަން ފަށައިފަ އެވެ.

އުމުރުން 59 އަހަރުގެ ޓެންކޫ މައިމޫން ވަނީ ޔުނިވާސިޓީ މެލަޔާ އިން 1982 ވަނަ އަހަރު ގާނޫނީ ދާއިރާ އިން ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ. އެކަމަނާ ވަނީ ޖެނުއަރީ 8، 2013 ގައި ކޯޓް އޮފް އެޕީލްގެ ފަނޑިޔާރަކަށް ހަމަޖައްސައިފަ އެވެ. އަދި ފެޑެރަލް ކޯޓުގެ ފަނޑިޔާރަކަށް ބަދަލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ރިޓަޔާ ކުރަން ޖެހޭ އުމުރު ކަމަށްވާ 66 އަހަރު ވަންދެން ޓެންކޫ މައިމޫން އަށް ޖުލައި 2، 2025 އާ ހަމައަށް އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވޭނެ އެވެ.