ޒާކިރު ނައިކުގެ މަައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފި

މުމްބާއީ (މެއި 4) - ދީނީ ތަގްރީރުތައް ދެއްވައި އިލްމުވެރިޔާ ޒާކިރް ނައިކުގެ މައްޗަށް އިންޑިއާގެ ޕްރޮސެކިއުޓަރުން މަނީ ލޯންޑަރިންގެ ދައުވާކޮށްފި އެވެ.


ގައުމުން ބޭރުގައި ދިރިއުޅޭ ޒާކިރް ނައިކުގެ މައްޗަށް ވަނީ 28 މިލިއަން ޑޮލަރު ލައުންޑާ ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނަފުރަތު އުފެދޭ ގޮތަށް ޒާކިރް ނައިކް ވާހަކަ ދައްކާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އެހެންވެ އިންޑިއާ އިން އޭނާއާ މެދު ދެކެނީ ޓެރަރިޒަމަށް ހިތްވަރުދޭ މީހެއްގެ ގޮތުގަ އެވެ.

މާލީ ކުށްތައް ތަހުގީގު ކުރާ އިންޑިއާގެ އެންފޯސްމެންޓް ޑައިރެކްޓަރޭޓް (އީޑީ) އިން ޒާކިރް ނައިކުގެ މައްސަލަ ހުށަހަޅާފައި ވަނީ މުމްބާއީގެ ކޯޓަކަށެވެ. ޒާކިރް ނައިކު ބުނެފައި ވަނީ ފައިސާ ހޯދާފައި ވަނީ ހުއްދަ ގޮތުގައި ކަމަށެވެ.

ދުބާއީ އިން ބްރޯޑްކާސްޓް ކުރާ ޕީސް ޓީވީ ހިންގަނީ ޒާކިރް ނައިކުގެ އިސްލާމިކް ރިސާޗް ފައުންޑޭޝަނުންނެވެ. ގާތްގަނޑަކަށް 200 މިލިއަން މީހުންގެ އޯޑިއެންސްއެއް އޮންނަ ޕީސް ޓީވީ އިންޑިއާގައި ވަނީ މަނާކޮށްފަ އެވެ. އަަދި ބަންގްލަދޭޝްގެ ކެފޭއެއްގައި 2016 ވަނަ އަހަރު ދިން ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގައި ވެސް ޕީސް ޓީވީ ވަނީ މަނާކޮށްފަ އެވެ. ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ޑާކާގައި ބޮމުގެ ހަމަލާ ދިން މީހުންނަށް ހިތްވަރު ލިބިފައި ވަނީ ޒާކިރް ނައިކުގެ ތަގްރީރުތަކުން ކަމަށެވެ.

ކޮލަމްބޯގައި މިދިޔަ މަހު ދިން އަމިއްލަ އަށް މަރުވުމުގެ ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގެ ޓީވީ އޮޕަރޭޓަރުން މިހާރު ވަނީ ޕީސް ޓީވީ ދެއްކުން ހުއްޓާލައިފަ އެވެ.

ޒާކިރް ނައިކު މެލޭޝިއާގައި ދިރިއުޅެން ފަށާފައި ވަނީ 2017 ވަނަ އަހަރު އެވެ.