އިންޑިއާ އަށް ފަހު ތޫފާން "ފަނި" ބަންގްލަދޭޝް އަށް އަރައިފި

ޑާކާ (މެއި 5) - ބާރުގަދަ ތޫފާން "ފަނި" އިންޑިއާ އަށް އަރައި އެތައް އިމާރާތަކާއި ގަސްގަހާ ގެއްސަށް ގެއްލުންތައް ލިބި އަދި 12 މީހުން މަރުވި އިރު އެ ތޫފާން ބަންގްލަދޭޝް އަށް އިއްޔެ އަރައިފި އެވެ.


ބަންގްލަދޭޝް އަށް ތޫފާން އެރި އިރު ވަނީ ބާރު ދަށްވާން ފަށައިފަ އެވެ. ނަމަވެސް އޮފިޝަލުން ބުނަނީ ތޫފާންގައި ބަންގްލަދޭޝް އިން ވެސް 12 މީހުން މަރުވެފައިވާ ކަމަށެވެ.

ތޫފާން އަރާތީ އިންޑިއާގެ އޮޑިޝާ އިން 1.2 މިލިއަން މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ގެންދަަން ޖެހުނެވެ. ބަންގްލަދޭޝް އިން ވަނީ 1.6 މިލިއަން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. ބަންގްލަދޭޝްގައި ވަނީ 36 އަވަށުގައި ފެންބޮޑުވެ އަދި 2،000 އަށް ވުރެ ގިނަ ގޭ ހަލާކުވެފަ އެވެ.

"ވެއްޓުނު ގަސްތަކުންނާއި ފާރުތަކުން ޖެހި ހަ މީހަކު ވަނީ މަރުވެފައި. އަދި އިތުރު ހަ މީހަކު ވަނީ ހޮނު އަޅައިގެން މަރުވެފައި،" ބަންގްލަދޭޝްގެ ޑިޒާސްޓާ އޮފިޝަލެއް ކަމަށްވާ ބޭނަޒީރު އަހުމަދު އޭއެފްޕީ އަށް ވިދާޅުވި އެވެ.

ތޫފާންގައި ބަންގްލަދޭޝް އިން ހަލާކުވި ގެއެއް މަރާމާތު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ތޫފާން "ފަނި" އިންޑިއާ އަށް އެރި އިރު ވައިޖެހެމުން ދިޔައީ ގަޑިއަކު 200 ކިލޯ މީޓަރުގެ ބާރު މިނުގަ އެވެ. ނަމަވެސް އެ ތޫފާންގައި މިހާރު ވައިޖެހެމުން ދަނީ ގަޑިއަކު 70 ކިލޯ މީޓަރުގެ ބާރު މިނުގަ އެވެ.

ބޭ އޮފް ބެންގާލްގައި އުފެދޭ ތޫފާންތައް އިންޑިއާގެ އިރުމަތީގެ ހިސާބުތަކަށް ދޭތެރެ ދޭތެރެއިން އަރަ އެވެ. އޮޑިޝާ އަށް 1999 ވަނަ އަހަރު އެރި ތޫފާންގައި 10،000 މީހުން މަރުވި އެވެ.

އޮޑިޝާގެ ޗީފް މިނިސްޓަރު ނަވީން ޕަޓްނައިކް ވިދާޅުވީ ތޫފާންގައި މި ފަހަރު ގެއްލުން ކުޑަވީ ދުރާލައި ރާވައިގެން ރައްކާތެރިކަމުގެ ހިސާބުތަކަށް މީހުން ބަދަލު ކުރުމުން ކަމަށެވެ. ގާތްގަނޑަކަށް 9،000 ވަގުތީ ހިޔަލުގައި ތިބި މީހުންނަށް ކާންދިނުމަށް ވަނީ 7،000 ބަދިގެ ހަދައިފަ އެވެ. އަދި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދަނީ 45،000 ވޮލަންޓިއަރުން އެހީވަމުންނެވެ.