އެއްބަސްވުމަކަށް އައުމާ އެކު ގާޒާގެ ހަމަލާތައް ހުއްޓުމަކަށް

ގާޒާ ސިޓީ (މެއި 6) - ފަލަސްތީނުގެ ޖަމާއަތްތަކާއި އިޒްރޭލާ ދެމެދު ހަމަލާތައް ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމާ އެކު ގާޒާގައި ދެމުން ދިޔަ ރޮކެޓް ހަމަލާތަކަށް މިއަދު ހުއްޓުމެއް އަތުވެއްޖެ އެވެ.


ހަމަލާތައް ހުއްޓުމަކަށް އައިސްފައި ވަނީ މި ހަފުތާގެ ބަންދުގައި ދެ ފަރާތުން ވެސް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދިނުމަށް ފަހު އެވެ. ވައިގެ ހަމަލާތަކުގައި އިޒްރޭލުގެ ހަތަރު މީހުން މަރުވިއިރު ފަލަސްތީނުން ވަނީ 23 މީހުން ޝަހީދުވެފަ އެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ކަމަށް ފަލަސްތީނުން ބުނި ނަމަވެސް އިޒްރޭލުން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ. ގާޒާ ކޮންޓްރޯލް ކުރާ ހަމާސް އިން ހިންގާ ޓީވީ ސްޓޭޝަނަކުން ބުނެފައި ވަނީ ރޭ ފަތިހު ފަލަސްތީނު ގަޑިން 4:30 ފެށިގެން ހަމަލާތައް ހުއްޓާލާފައިވާ ކަމަށެވެ. ހަމަލާތައް ހުއްޓާލުމަށް މެދުވެރިއެއްގެ ރޯލު އަދާކޮށްފައި ވަނީ މިސްރުންނެވެ. އެ މަސައްކަތުގައި ވަނީ އދ. އާއި ގަތަރުން ވެސް އެހީތެރިވެދީފަ އެވެ.

ހަމާސްގެ ބާރުގެ ދަށުގައިވާ ސަރަހައްދަކުން ރޮކެޓް ހަމަލާތައް އިއްޔެ ފޮނުވާލަނީ. --ފޮޓޯ:އޭއެފްޕީ

އިޒްރޭލުން މިއަދު ބުނެފައި ވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ފަލަސްތީނުގެ އެކި ޖާމައަތްތަކުން އިޒްރޭލުގެ ދެކުނަށް 690 މިސައިލް ފޮނުވާލާފައިވާ ކަމަށެވެ. މީގެ ތެރޭން 240 މިސައިލް ވަނީ އެ ގައުމުގެ އަޔަން ޑޯން މިސައިލް ސިސްޓަމް މެދުވެރިކޮށް ވައްޓާލާފައި ކަމަށް ވެސް ބުނެފައިވެ އެވެ. ރައްދުގައި އިޒްރޭލުން ވަނީ ހަމާސް އާއި އިސްލާމިކް ޖިހާދުގެ 350 އަމާޒަކަށް ހަމަލާ ދީފަ އެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިއިރު ފަލަސްތީން މީހުން މިއަދު ވަނީ ރޯދަ މަސް ފަށައިފަ އެވެ. އިޒްރޭލުން ދަނީ އެ ގައުމުގެ މިނިވަން ދުވަހަށް ތައްޔާރުވަމުންނެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލުމަކަށް އައި އިރު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ގާޒާ ސްޓްރިޕްގައިވާ "ހަނގުރާމަވެރި އިލެމެންޓްތަކަށް" ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް އަސްކަރިއްޔާ އަށް އަންގައިފަ އެވެ.

ގާޒާގައި ހަމަލާތައް ދޭން ފެށީ އެ ސިޓީ ބަންދުކޮށްފައިވާ ބޭއްވުމާ ދެކޮޅަށް ހުކުރު ދުވަހު ކުރި އިހްތިޖާޖެއްގެ ތެރޭންނެވެ. އިޒްރޭލުން ބުނެފައި ވަނީ ގާޒާ ބަންދުކޮށްފައި ބާއްވަނީ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރު ފޯރުވުން ހުއްޓުވުމަށްޓަކައި ކަމަށެވެ.

ފަލަސްތީނުން ފޮނުވާލި މިސައިލަކަށް ހުރަސް އަޅަން އިޒްރޭލުގެ އަޔަން ޑޯމް އެއާ ޑިފެންސް ސިސްޓަމުން މިސައިލެއް ފޮނުވާލަނީ. --ފޮޓޯ:އޭއެފްޕީ

ފަލަސްތީނުގެ ހަތިޔާރު އަޅައިގެން ހުރި މީހަކު ވަނީ ބައުންޑަރީ ފެންސް ކައިރިން ހަމަލާދީ އިޒްރޭލް ސިފައިންގެ ތިން މީހުން ޒަޚަމްކޮށްލައިފަ އެވެ. ރައްދުގައި އިޒްރޭލުން ވަނީ ވައިގެ ހަމަލާ ދީ ފަލަސްތީނުގެ ދެ ހަނގުރާމަވެރިއަކު ޝަހީދުކޮށްލައިފަ އެވެ.

އިޒްރޭލުން އެންމެ ފަހުން ގާޒާ އަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވަނީ 2014 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓް މަހު އެވެ. އެ ފަހަރު އިޒްރޭލުން ހަތް ހަފުތާ ވަންދެން އެއްގަމު މަގުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 2،251 މީހުން ޝަހީދުކޮށްލި އެވެ. އޭގެ ތެރޭގައި އާއްމުންގެ 1،462 މީހުން ހިމެނެ އެވެ. އިޒްރޭލް ސިފައިންގެ ތެރޭން މަރުވީ 67 މީހުންނެވެ. އިޒްރޭލުން ބުނެފައި ވަނީ އެ ފަހަރުގެ އުދުވާން ހިންގަން ޖެހުނީ އެ ގައުމުގެ ފުރާވަރުގެ ތިން ކުއްޖަކު ވަގަށް ނަގާ މަރާލުމުން ކަމަށެވެ.