އިދިކޮޅު ފަރާތުން ކާމިޔާބު ކުރި އިސްތަންބޫލްގެ އިންތިޚާބު އަލުން ބާއްވަނީ

އިސްތަންބޫލް (މެއި 7) - ތުރުކީގެ އިދިކޮޅު ފަރާތުން ކާމިޔާބު ކުރި އިސްތަންބޫލްގެ ލޯކަލް ކައުންސިލް އިންތިޚާބު އަލުން ބާއްވަން އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.


ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އޭކޭ ޕާޓީން ވަނީ އިސްތަންބޫލްގެ އިންތިޚާބުގައި އޮޅުންތަކެއް ހުރި ކަމަށް ބުނެ ޝަކުވާ ހުށަހަޅައިފަ އެވެ. އަދި އިކޮޅު ސީއެޗްޕީން ހަނި އަޣުލަބިއްޔަތުން އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ކޮރަޕްޝަން ހިންގައިގެން ކަމަށް ވެސް އޭކޭ ޕާޓީން ތުހުމަތުކޮށްފައިވެ އެވެ.

އިސްތަންބޫލްގެ މޭޔަރެއްގެ ގޮތުގައި މިދިޔަ މަހު ކަނޑައެޅި ސީއެޗްޕީގެ އިކްރާމް އިމަމޮގްލޫ ވިދާޅުވެފައި ވަނީ އިންތިޚާބު އަލުން ބާއްވަން ނިންމުމަކީ އިލެކްޝަންސް ކޮމިޝަނުގެ ހީލަތްތެރި ރޭވުމެއް ކަމަށެވެ. ސީއެޗްޕީގެ ޑިޕިއުޓީ ލީޑަރު އޮނުރުސަލް އަޑިގުޒެލް ވިދާޅުވީ ވޯޓު އަލުން ބޭއްވުމަކީ އޭކޭ ޕާޓީއާ ދެކޮޅަށް ކާމިޔާބު ހޯދުމަކީ "މަނާ ކަމެއް" ކަން އަންގައިދޭ ކަމެއް ކަމަށެވެ. އަދި އެއީ ހުދުމުޚްތާރު ކަމުގެ ލާމަސީލު މިސާލެއް ކަމަށް ވިދާޅުވި އެވެ.

އަލުން އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މަހު 23 ވަނަ ދުވަހު އެވެ.

އިންތިޚާބު ބާއްވަން ނިންމުމާ ގުޅިގެން އިސްތަންބޫލްގެ އެކި ހިސާބުތަކުގައި ވަނީ އިހްތިޖާޖް ކުރަން ފަށައިފަ އެވެ.

ޔޫރަޕިއަން ޕާލަމެންޓުން ބުނެފައި ވަނީ އިންތިޚާބު އަލުން ބޭއްވުމަކީ ތުރުކީގެ އިންތިޚާބުތަކުގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ އިންތިޚާބު އަލުން ބާއްވަނީ އިލެކްޓޯރަލް ބައެއް އޮފިޝަލުންނަކީ ސިވިލް ސާވަންޓުންނަށް ނުވުމާއި ނަތީޖާގެ ބައެއް ކަރުދާސްތަކުގައި ސޮއިކޮށްފައި ނުވާތީ ކަމަށެވެ.

އިސްތަންބޫލްގެ އިންތިޚާބުގައި ވޯޓު ދިން އަށް މިލިއަން މީހުންގެ ތެރޭން އިމަމޮގްލޫ ކާމިޔާބު ހޯއްދެވީ 14،000 ވޯޓުގެ ތަފާތުންނެވެ.