ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ބައިތަކުން އީރާން ވަކިވެއްޖެ

ތެހެރާން (މެއި 8) - ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ބައިތަކުން އީރާން ވަކިވާން ނިންމައިފި އެވެ.


ނިއުކްލިއާ އެއްބަސްވުމުގެ ބައިތަކުން އީރާން ވަކިވާކަން އިއުލާންކޮށްފައި މި ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކިވިތާ އެއް އަހަރު ފަހުންނެވެ. ރައީސް ހަސަން ރޫހާނީ ވިދާޅުވީ ފައްކާކޮށްފައިވާ ޔުރޭނިއަމް އީރާންގައި ސްޓޮކް ކުރާނެ ކަމަށެވެ. އަދި ހަޔާ ޔުރޭނިއަމް 60 ދުވަސް ތެރޭ އުފައްދަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރޫހާނީ ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމުގެ ދެ ބައެއް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ ބާރުތަކާ އެކު ނިއުކްލިއާ އެއްބަސްވުން ގާއިމްކުރީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމުގެ ބޭނުމުގަ އެވެ. ބަދަލުގައި ވަނީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސްވެފަ އެވެ. ނަމަވެސް އެމެރިކާ އިން އެއްބަސްވުމުން ވަކިވެ އަލުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ބައިތަކުން އީރާން ވަކިވާ އިރު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމެޕެއޯ ވަނީ ކުއްލި ގޮތަކަށް އިރާގަށް ވަޑައިގެންފަ އެވެ. އަދި އެމެރިކާ އިން ވަނީ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކޮން ގަލްފަށް ފޮނުވަން ނިންމައިފަ އެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވެފައި ވަނީ މަނަވަރު ފޮނުވަނީ އީރާނަށް އިންޒާރު ދިނުމުގެ ގޮތުން ކަމަށެވެ.

ނިއުކްލިއާ އެއްބަސްވުމުގައި އީރާނާ އެކު ސޮއިކޮށްފައި ވަނީ ފްރާންސް، ޖަރުމަން، ރަޝިޔާ، ޗައިނާ އަދި އެމެރިކާ އެވެ.