ޑެއިލީ މެއިލްއާ ދެކޮޅަށް އަބުރުގެ ބަދަލަކަށް 150 މިލިއަން ޑޮލަރު ހޯދަން ޓްރަމްޕުގެ އަނބިކަނބަލުން ދައުވާ ކުރައްވައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 3) - އަބުރު ނަގާލި ކަމަށް ބުނެ އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ނޫހާއި އެމެރިކާގެ ބްލޮގަރަކާ ދެކޮޅަށް ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ 150 މިލިއަން ޑޮލަރު ހޯދަން ދައުވާކޮށްފައިވާ ކަމަށް އެކަމަނާގެ ވަކީލް ވިދާޅުވެއްޖެ އެވެ.


އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން މި އަހަރު ވާދަކުރައްވާ ޓްރަމްޕުގެ އަނބިކަލުން އަބުރުގެ ދައުވާ ކުރައްވަނީ ޑެއިލީ މެއިލް އާއި ބްލޮގަރުގެ ލިޔުމެއްގައި މެލަނިއާ 1990 ގެ އަހަރުތަކުގައި ހަށިވިއްކާ މީހެއްގެ ގޮތުގައި އުޅުނު ކަމަށް ބުނެފައިވާތީ އެވެ. ޑެއިލީ މެއިލް އިން ބުނެފައިވާ ގޮތުގައި މެލަނިއާ ވަނީ ނިއު ޔޯކުގައި ހަށިވިއްކާ އަންހެނެއްގެ ގޮތުން ޕާޓް ޓައިމްކޮށް މަސައްކަތްކޮށްފަ އެވެ. ޓްރަމްޕާ ބައްދަލުވީ ވެސް ނިއު ޔޯކުން ކަމަށް ބުނެފައިވެ އެވެ.

މެލަނިއާގެ ވަކީލް ޗާލްސް ހާޑާ ވިދާޅުވީ މިއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި މި ވާހަކަތަކުގެ ސަބަބުން މެލަނިއާގެ ޕްރޮފެޝަނަލް މަސައްކަތަށް ހުރަސް އެޅި އެކަމަނާގެ އަގު ވެއްޓިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ގެއްލުމުގެ އަގު 150 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. މެލަނިއާގެ އަބުރުގެ މައްސަލަ ހުށަހެޅީ މެރީލޭންޑުގެ ކޯޓަކަށެވެ. ޑެއިލީ މެއިލް އާއި ބްލޮގާ ވެސް ފަހުން ވަނީ އެ ލިޔުންތައް ނަގައިފަ އެވެ.

ސްލޮވޭނިއާ އަށް އުފަން 46 އަހަރުގެ މެލަނިއާ 1990 ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާ އަށް ބަދަލުވީ މޮޑެލެއްގެ ގޮތުގަ އެވެ. ޓްރަމްޕާ އެކަމަނާ ކައިވެނި ކުރެއްވީ 2005 ވަނަ އަހަރު އެވެ.