އެމެރިކާއާ އެކު އީރާނުން ހަނގުރާމައެއް ނުކުރާނެ: ޚާމަނާއީ

ތެހެރާން (މެއި 15) - މެދުއިރުމަތީގެ މަސްރަހު ކިތަންމެ ވަރަކަށް ހޫނުވަމުން ދިޔަ ނަމަވެސް އެމެރިކާއާ އެކު އީރާނުން ހަނގުރާމައެއް ނުފަށާނެ ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.


އީރާނުގެ ސީނިއާ އޮފިޝަލުންނާ ބައްދަލު ކުރައްވައި ޚާމަނާއީ ވިދާޅުވީ އެމެރިކާ ރުހޭ ގޮތަށް އެ ގައުމާ އެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމަށް މަޝްވަރާ ނުކުރާނެ ކަމަށެވެ.

"އީރާނުން ހަނގުރާމައެއް ނުކުރާނެ. އެ މީހުން ވެސް ނުކުރާނެ،" ޚާމަނާއީ ވިދާޅުވި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވެސް ވިދާޅުވެފައި ވަނީ އީރާނާ ހަނގުރާމަ ކުރަން އެމެރިކާ އިން ނޫޅޭ ކަމަށެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފްއާ ބައްދަލު ކުރައްވައި ޕޮމްޕެއޯ ވިދާޅުވީ އެމެރިކާ އިން މަސައްކަތް ކުރަނީ އީރާނަކީ ވެސް އާދައިގެ ގޮތަކަށް އުޅޭ ގައުމަކަށް ހަދަން ކަމަށެވެ. އެކަމަކު އެމެރިކާގެ މަސްލަހަތު އޮންނަ ތަނަކަށް ހަމަލާދީފި ނަމަ ރައްދު ދޭނެ ކަމަށް ވިދާޅުވި އެވެ.

ހަނގުރާމައެއް ފެށުމުގެ ފުރުސަތު ނެތް ކަމަށް ދެ ގައުމުން ބުނި އިރު އެމެރިކާ އިން ވަނީ ހަނގުރާމަ މަތީ މަނަވަރާއި ބޮން އަޅާ ބޯޓު ފަހަރު ގަލްފަށް ފޮނުވަން ފަށައިިފަ އެވެ.

އީރާނުގެ ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައި ރައީސް ހަސަން ރޫހާނީ ހޯމަ ދުވަހު ވިދާޅުވީ ބަޔަކު ބިރު ދެއްކޭ ވަރަށް ވުރެ އީރާން މާވަރުގަދަ ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ މި އުނދަގޫ ހާލަތުން އީރާން އަރައިގަންނާނީ ކާމިޔާބީއާ އެކު. އަދި ދުޝްމަނުން ބަލިކޮށްލާނަން،" ރޫހާނީ ވިދާޅުވި އެވެ.