ތެޔޮ ހޮޅި އަށް ދިން ހަމަލާ އަކީ ދުނިޔޭގެ ތެލުގެ ސަޕްލައި އަށް ދިން ހަމަލާއެއް: ސައުދީ

ރިޔާޒް (މެއި 16) - ސައުދީ އަރަބިއާގެ ދެ ތެޔޮ ޓޭންކަރާއި ތެޔޮ ހޮޅި އަށް ދިން ހަމަލާ އަކީ ދުނިޔޭގެ ތެލުގެ ސަޕްލައި އަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ދުނިޔޭގައި އެންމެ ގިނައިން ކްރޫޑް އޮއިލް އެކްސްޕޯޓްކުރާ ގައުމުން ބުނެފި އެވެ.


ޔަމަނުގެ ހޫތީން ދިން ޑްރޯން ހަމަލާއެއްގައި ސައުދީގެ މައި ދެ ތެޔޮ ހޮޅި ވަނީ އަންގާރަ ދުވަހު ހަލަކުވެފަ އެވެ.

"ޓެރިޒަމްގެ މި އަމަލަކީ ހަމައެކަނި ސައުދީ އަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫން. އެއީ ދުނިޔޭގެ ތެލުގެ ސަޕްލައި އާއި ދުނިޔޭގެ އިގްތިސާދަށް ވެސް ދިން ހަމަލާއެއް،" ޖިއްދާގައި ބޭއްވި، ރަސްގެފާން ސަލްމާން ރިޔާސަތު ބެލެހެއްޓެވި، ސައުދީ ކެބިނެޓުގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޑްރޯން ހަމަލާ ދިން ސައުދީގެ އިރުން ހުޅަނގަށް އަޅާފައިވާ ބޮޑު ދެ ތެޔޮ ހޮޅިން ދުވާލަކު ފަސް މިލިއަން ފީފާ ކްރޫޑް އޮއިލް ބޭރު ކުރެ އެވެ.

ހޫތީން ބުނެފައި ވަނީ އެއީ ޔަމަނަށް ދޭ ހަމަލާތަކުގައި ސައުދީން ބައިވެރިވާތީ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

ސައުދީގެ ދެ ތެޔޮ ޓޭންކަރަށް އާދިއްތަ ދުވަހު ހަމަލާ ދީފައި ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ބޭރުން އޮމާން ކަނޑުގަ އެވެ.

ސައުދީ އަރަބިއާ އިން ދުވާލަކު 10 މިލިއަން ފީފާ ތެޔޮ އުފައްދަ އެވެ.