"ކުޑަ ކުދިން ޝައުގުވެރިވާތީ" ދޭތެރެ ދުރުކުރާ އިޝްތިހާރުތައް ޕާކިސްތާނުގައި މަނާކޮށްފި

އިސްލާމްއާބާދު (މެއި 29) - ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ އެކިއެކި އާލަތްތަކާ ބެހޭ އިޝްތިހާރުތައް ޕާކިސްތާނުގައި ދެއްކުން މަނާކޮށްފި އެވެ.


ޕާކިސްތާނުގެ މީޑިއާ ރެގިއުލޭޓު ކުރާ އިދާރާ އިން ބުނިގޮތުގައި، އެ އިޝްތިހާރުތައް ޓީވީން ދެއްކުން މަނާކުރީ އެ އިޝްތިހާރުތަކުގެ ސަބަބުން "މައުސޫމު ކުދިން" ގެ ހިތްތަކުގައި "ޝައުގުވެރިކަން" އަށަގަންނަނީ ކަމަށް ބުނެ އާންމުންގެ ބަޔަކު ކުރި ޝަކުވާއަކާ ގުޅިގެން ކަމަށެވެ.

ޕާކިސްތާނަކީ 200 މިލިއަން މީހުންގެ އާބާދީއަކާ އެކު ދުނިޔޭގެ ހަވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމެވެ. އަދި ޕާކިސްތާނަކީ މި ސަރަހައްދުގައި ދޭތެރެ ދުރުކުރާ އާލަތްތައް އާންމުންނަށް އެންމެ މަދުން ލިބެން ހުންނަ ގައުމު ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.