އޮބާމާގެ ވަފުދަށް ޗައިނާ އެއާޕޯޓުން ވެސް މައްސަލަ

ބެއިޖިން (ސެޕްޓެމްބަރު 4) - ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ޗައިނާ އަށް ވަޑައިގަތުމާ އެކު އެއާޕޯޓުން ވެސް ވަފުދަށް މައްސަލަގަނޑަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.


އެއާފޯސް ވަން ހަންގްޒޫ ސިޓީގައި ޖެއްސުމާ އެކު އޮބާމާއާ އެކު ދަތުރު ކުރާ ނޫސްވެރިން ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަށް ބޯޓު ކައިރިން ދާން ފެށި އެވެ. އެ ވަގުތު އޮބާމާގެ ވަފުދުގައި ހިމެނޭ ބޭފުޅަކާއި ޗައިނާގެ އޮފިޝަލަކާ ދެމެދު ކުޑަ ޒުވާބެއް ހިނގި އެވެ. ނޫސްވެރިން ނުހުއްޓުވާ ފުރުސަތު ދިނުމަށް އޮބާމާގެ އެއިޑުން އެދުމުން ޗައިނާގެ އޮފިޝަލުން ވިދާޅުވީ "މިއީ އަހަރެމެންގެ ގައުމު" ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރުމުން އޮބާމާ ވިދާޅުވީ އެހެން ދިމާވީ އެހެން ގައުމުތަކާ ތަފާތު ގޮތެއް އެމެރިކާ އިން ނޫސްވެރިންނާ މެދު ގެންގުޅޭތީ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ގާތުން ބެލުމުގެ ފުރުސަތު ނޫސްވެރިންނަށް އޮންނަން ޖެހޭނެ. އަދި އެ މީހުންނަށް ސުވާލުކުރުމުގެ ފުރުސަތު ވެސް އޮންނަން ޖެހޭނެ،" އޮބާމާ ވިދާޅުވި އެވެ.

ވައިޓްހައުސްގެ އޮފިޝަލަކާއި ޗައިނާގެ ސެކިއުރިޓީ އޮފިޝަލަކު އެއާޕޯޓުގައި ޒުވާބު ކުރަނީ.

އޮބާމާއާ އެކު ދަތުރުކުރި ނޫސްވެރިން ބުނީ ރައީސްއާ ކައިރިވުމުގެ ފުރުސަތު ޗައިނާގެ އޮފިޝަލުން ނުދިން ކަމަށެވެ. އޮބާމާ ބޯޓުން ފައިބައިވަޑައިގެންނެވި އިރު ރަތް ދޫލައިގެ މަރުހަބާއެއް ދެންނެވުމަށް ހަމަޖެހިފައި ނެތުމުން އޮބާމާ ފައިބައި ވަޑައިގެންނެވީ ބޯޓުގެ ފަހަތުގެ ސިޑިއަކުންނެވެ. މިއީ އާއްމުކޮށް އަފްޣާނިސްތާން ފަދަ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތައް އަޅާފައި އޮންނަ ގައުމުތަކުގައި ކުރާ ކަމެކެވެ.

"ވައިޓްހައުސްގެ ޚަބަރުތައް ކަވަރު ކުރުމުގައި ހޭދަކުރި ހަ އަހަރު ދުވަހު ތެރޭ ރައީސް އޮބާމާ ބޯޓުން ފައިބައިވަޑައިގެންނެވި ވަގުތު ބޭރު ގައުމަކުން މި ނޫނީ ހުރަސް އަޅައިފައެއް ނުވޭ،" ނިއު ޔޯކް ޓައިމްސްގެ ނޫސްވެރިއަކު ލިޔެފައިވެ އެވެ.

ނޫސްވެރިންނަށް ހުރަސް އެޅުމުން ވައިޓްހައުސްގެ އޮފިޝަލަކު ޗައިނާގެ ސެކިއުރިޓީ އޮފިޝަލަކަށް ޝަކުވާ ކުރުމުން ވިދާޅުވެފައި ވަނީ "މިއީ އަހަރެމެންގެ ގައުމު" އަދި "އަހަރެމެންގެ އެއާޕޯޓް" ކަމަށެވެ.

ޗައިނާގެ އޮފިޝަލަކާ ހަވާލާދީ ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނީ ބޭރުގެ ކޮންމެ ވެރިއަކަށް ވެސް ޗައިނާ އިން ރަތް ދޫލައިގެ މަރުހަބާއެއް ކިޔާ ކަމަށާއި އެމެރިކާ އިން އެ ގޮތަށް ބޭނުން ނުވީ ކަމަށެވެ.

އޮބާމާ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލު ކުރެއްވި ވެސްޓް ލޭކް ސްޓޭޓް ހައުސް އަށް އޮބާމާ ވަޑައިގަތުމުގެ ކުރިން އެ ތަނަށް ވައްދާނެ އެމެރިކާގެ އޮފިޝަލުންގެ އަދަދާ މެދު ވެސް ވަނީ ވައިޓްހައުސްގެ އޮފިޝަލުންނާއި ޕްރޮޓޯލް އޮފިޝަލުން އަދި ސީކްރެޓް ސާވިސްގެ އެޖެންޓުންނާއި ޗައިނާގެ އޮފިޝަލުންނާ ދެމެދު ހޫނު ޒުވާބެއް ހިނގާފައި ކަމަށް ވެސް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވެ އެވެ.