ލަންކާގެ މުސްލިމުންނާ ދެކޮޅު ފާދިރީ މިނިވަންކޮށްފި

ސްރީ ލަންކާގައި މުސްލިމުންނާ ދެކޮޅު ހަރަކާތްތައް ރާވައި ހަމަނުޖެހުން ހިންގުމުގެ ކުށުގައި ޖަލަށް ލާފައިވާ، ބޮޑު ބަލަ ސޭނާ (ބީބީއެސް) ޖަމާއަތުގެ ޖެނެރަލް ސެކްރެޓަރީ އަށް ލަންކާގެ ރައީސް މައިތިރްޕަލަ ސިރިސޭނާ މާފު ދެއްވައިފި އެވެ.


ހަރުކަށި ފާދިރީ ގަލަގޮޑަ އާތޭނިއާ ނަސާރަ ތީރޯ ޖަލަށް ލާފައިވަނީ މުސްލިމުންނާ ދެކޮޅު ހަަރަކާތްތައް ހިންގުމާއި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގަ އެވެ. އޭނާ އަށް ހަ އަހަރުގެ ޖަލު ހުކުމެއް އިއްވީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ.

ރޮއިޓާސް އިން ބުނީ ތީރޯ އަށް މާފު ދެއްވައި މިނިވަންކުރުމަށް ހުރިހާ ލިޔެކިޔުންތަކެއްގައި ސިރިސޭނާ ސޮއިކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މާފު ދޭ ސަބަބެއް އަދި އެކަމަކާ ބެހޭ އެއްވެސް ވާހަކައެއް ވެސް ސިރިސޭނާގެ އޮފީހަކުން މިހާތަނަށް ދައްކާފައެއް ނުވެ އެވެ. މުސްލިމުންނާ ދެކޮޅު ހަރަކާތްތައް ހިންގުމަށް ފަހު ކޯޓަށް ހާޒިރު ނުވެ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށް ހުކުމްކުރި ތީރޯ މިވަގުތު މިނިވަންކުރުމަކީ ލަންކާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

މިދިޔަ މަހު ލަންކާގައި ދިން، 250 އަށް ވުރެ ގިނަ މީހުން މަރުވި ބޮމުގެ ހަމަލާތަކަށް ފަހު މުސްލިމުންނާ ދެކޮޅު ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މުސްލިމުންނަށް ހަމަލާދީ އެ މީހުން ގޯތި ގެދޮރާއި މުދަލަށް ގެއްލުން ދިނުން ވަނީ އާންމުވެފަ އެވެ. ތީރޯ މިނިވަންކުރަން ނިންމާފައި ވަނީ މިދިޔަ ހަފުތާގައި ވެސް މުސްލިމުންގެ ފިހާރަތަކަށް ގެއްލުންދީ ހުޅުޖަހާފައި ވަނިކޮށެވެ.

ބީބީއެސް އިން ބުނީ އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް މިނިވަންކުރާކަން މިހާރު އެ މީހުންނަށް އަންގާފައިވާ ކަމަށެވެ. ލަންކާގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާ ބުޑިސްޓު ފާދިރީން، ތީރޯ މިނިވަންކުރުމަށް ބާރުއަޅަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.

މާފު ދީފައި ވިޔަސް ތީރޯ އަށް ޖަލުން ނިކުމެވޭނީ ލިޔެކިޔުންތައް ފުރިހަމަވުމުން ކަމަށާއި މިއަދު އެކަން ފުރިހަމަވާނެ ކަމަށް ބެލެވޭ ކަމަށް ބީބީއެސް އިން ބުންޏެވެ.

ލަންކާގައި މުސްލިމުންނާ ދެކޮޅަށް ހަރަކާތްތައް ހިންގުމުގެ ފަހަތުގައި ހުރީ ތީރޯ ކަމަށް 2004 ވަނަ އަހަރުން ފެށިގެން އަންނަނީ ތުހުމަތުކުރަމުންނެވެ. އޭނާ ވަނީ މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި ހަމަނުޖެހުންތަކަށް ހިތްވަރު ދީފަ އެވެ. އަދި އޭނާ އަކީ މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ގަތުލު އާންމު ހިންގުމުގެ ފަހަތުގައި ހުރި ކަމަށް ބުނާ ބުޑިސްޓުންގެ އިސް ފާދިރީއާ އެކު އެއްބަސްވުމެއް ވެސް ގާއިމުކޮށް އޭނާއާ ގުޅިގެން މަސައްކަތްކުރާ މީހެކެވެ.