ބޮޑު ތަފާތަކުން މޯދީ ދެ ވަނަ ދައުރެއް ކަށަވަރުކުރައްވައިފި

އިންޑިއާގެ އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރި ހޯއްދަވާނެކަން މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ އިން ކަށަވަރުވެއްޖެ އެވެ.


މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ވޯޓުލުން ނިންމައި މިއަދު ވޯޓު ގުނަން ފަށާފައި ވާއިރު އެންމެ ފުރަތަމަ ހާމަކުރި ނަތީޖާތަކުން ވެސް މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ވަނީ 542 ގޮނޑީގެ ތެރެއިން 292 ގޮނޑި ކަށަވަރުކޮށްފަ އެވެ. އިދިކޮޅު ނެޝަނަލް ކޮންގްރެސް ޕާޓީ ކުރީގައި އުޅެނީ އެންމެ 51 ގޮނޑިއެއްގަ އެވެ.

ވޯޓު ގުނަމުން ދާތީ، މި ނަތީޖާ އަށް އަދި ބަދަލު އަންނާނެ އެވެ.

ސަރުކާރު އެކުލުވާލުމުގެ ބާރު ލިބޭނީ 272 ގޮނޑި ލިބޭ ޕާޓީއެއް ނުވަތަ ކޯލިޝަނަކަށެވެ. އެހެންވެ ބީޖޭޕީ އަށް މިހާރު އެއްވެސް ހާސްކަމެއް ނެތެވެ. އަދި މިއީ މި 1984 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ދެ ދައުރު އެއް ޕާޓީއަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދި ފުރަތަމަ ފަހަރެވެ.

ބީޖޭޕީގެ އިސް ބޭފުޅުން ސޯޝަލް މީޑިއާގައި ގެންދަވަނީ ކާމިޔާބީ އިއުލާނުކުރައްވައި އުފާ ފާޅުކުރައްވަމުންނެވެ.

"މިއީ ބީޖޭޕީ އާއި ބޮޑުވަޒީރު މޯދީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޕާޓީގެ ބޮލުގައި އެޅުނު ބޮޑު މަސްއޫލިއްޔަތެއް. މިއީ އިންޑިއާ އަށް ލިބުނު ބޮޑު ކާމިޔާބީއެއް. ރައްޔިތުން ކުރި އިތުބާރަށް ޝުކުރު އަދާކުރަން،" ބީޖޭޕީގެ ތަރުޖަމާނު ޖީވީއެލް ނަރަޝިމްހަ ރާއޯ ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ ތަރުޖަމާނު ސަލްމާން ސޮޒް ވިދާޅުވީ ނަތީޖާ އަންނަނީ އެ ޕާޓީއާ އެއްކޮޅަށް ނޫން ކަމަށާއި އޮތީ މުޅި ނަތީޖާ އެއްކޮށް ސާފުވާންދެން އިންތިޒާރުކުރުން ކަމަށެވެ.

ބީޖޭޕީ އިސްކޮށް އޮވެ ހަދާފައިވާ ނެޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) ގެ ޖުމްލަ ގޮނޑީގެ އަދަދު، މިއަދު މެންދުރާ ހަމަޔަށް ސާފުކުރި ނަތީޖާ އިން 324 އަށް އަރަ އެވެ. ކޮންގްރެސް ޕާޓީގެ މުޅި ކޯލިޝަނަށް ލިބުނީ 111 ގޮނޑި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް އިންތިހާބުގައި ވޯޓުލާން 900 މިލިއަން މީހުން ރަޖިސްޓްރީކުރި އެވެ. އިންތިހާބުގެ ވޯޓުލުން ހަ ހަފުތާ ތެރޭގައި ނިންމީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ. އިންތިހާބުގައި 2،000 އަށް ވުރެ ގިނަ ޕާޓީން 8،000 އަށް ވުރެ ކެންޑިޑޭޓުން ވާދަކުރި އެވެ.