ނަތަންޔާހޫއާ ދެކޮޅަށް އިޒުރޭލުގައި މުޒާހަރާކޮށްފި

ބޮޑުވަޒީރުކަން ފަސް ވަނަ ފަހަރަށް ދިފާއުކުރެއްވި ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް ޝަރީއަތެއް ނުހިންގޭނެ ކަމަށް ކަނޑައަޅަން އުޅޭތީ އެކަމާ ދެކޮޅަށް އިޒްރޭލުގައި މުޒާހަރާކޮށްފި އެވެ.


ވެރިރަށް ތެލްއަވީވްގައި މުޒާހަރާކުރީ ގާނޫނީ އެއްވެސް ފިޔަވަޅެއް ނޭޅޭ ގޮތަށް ނަތަންޔާހޫއަށް ހިމާޔަތް ދޭން އުޅޭ ކަމަށް އަޑުއަރާފައި ވާތީ އެކަން ހުއްޓުވުމުގެ ބޭނުމުގަ އެވެ.

އިޒްރޭލްގައި ފުރިހަމަ ޑިމޮކްރަސީއެއް ގާއިމްކުރަން ގޮވާލާ ކުރިއަށްގެންދިޔަ މުޒާހަރާގައި 10،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލުގައި ބޭއްވި މުޒާހަރާ

ނަތަންޔާހޫއާ ދެކޮޅަށް އިންތިހާބުގައި ވާދަކުރެއްވި ބެނީ ގަންޓްޒް ވިދާޅުވީ ނަތަންޔާހޫގެ ވެރިކަމުގައި އިޒްރޭލުގެ ހުވަފެންތައް ނެތެމުން ދާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ނަތަންޔާހޫގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ބޮޑެތި ވިޔަފާރިވެރިންގެ އަތުން ފައިސާ ނެންގެވުމާއި އޭނާއާ ބެހޭ ރަނގަޅު ޚަބަރު ފަތުރަން ރިޝްވަތު ދެއްވުމުގެ މައްސަލަތަކެއް ވެސް ހިމެނެ އެވެ.

އެ ތުހުމަތުތައް ނަތަންޔާހޫ ގެންދަވަނީ ދޮގުކުރައްވަމުންނެވެ. އެކަމަކު އެކުށްތައް ސާބިތުވެއްޖެ ނަމަ ބޮޑުވަޒީރުގެ މަގާމު ގެއްލޭނެ އެވެ.

އިޒްރޭލްގެ ސުޕްރީމް ކޯޓުން މިހާރު އަންނަނީ އެ މައްސަލަތައް ބަލަމުންނެވެ. އެހެންކަމުން ނަތަންޔާހޫ ގެންދަނީ ގާނޫނީ ގޮތުން ހިމާޔަތް ހޯއްދަވައި، އޭނާއާ ދެކޮޅަށް އެފަދަ މައްސަލައެއް ނުބެލޭނެ ފަދަ ގޮތަކަށް ގާނޫނު ބަދަލުކުރަން ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.