ނަތަންޔާހޫއަށް އާ ސަރުކާރު އުފެއްދޭ ގޮތް ނުވުމުން އާ އިންތިހާބަކަށް!

އެޕްރީލް މަހު އޮތް އިންތިހާބުގެ ގިނަ ގޮނޑި ކާމިޔާބުކުރެއްވިޔަސް، މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކޯލިޝަން ސަރުކާރެއް އުފެއްދެވޭ ގޮތް ނުވުމުން، އިޒްރޭލުގައި އާ އިންތިހާބެއް ބާއްވަން ޖެހިއްޖެ އެވެ.


އިޒްރޭލްގެ ރައްޔިތުންގެ މަޖިލިސް ކަމަށްވާ ނެސެޓަށް މެމްބަރުން ހޮވަން މިދިއަ މަހު އޮތް އިންތިހާބުގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް 35 ގޮނޑި ކާމިޔާބުވި އެވެ. އެކަމަކު 120 ގޮނޑި ހިމެނޭ މަޖިލިހުގެ މެޖޯރިޓީ ނުލިބުމުން އޭނާއަށް ފުރުސަތު އޮތީ، އެހެން ޕާޓީތަކެއް އެކުވެގެން ކޯލިޝަން ސަރުކާރެއް ގާއިމްކުރައްވާށެވެ. އެކަމަށް އޮތް ވަގުތު އިއްޔެ ވަނީ ހަމަވެފަ އެވެ.

މިހާރުގެ މަޖިލިސް އުވާލަން ރޭ ނެގި ވޯޓުގައި 74 މެމްބަރުން ތާއީދުކުރެއްވީ މަޖިލިސް އުވާލައި، އާ އިންތިހާބަކަށް ދާށެވެ. އެ ގޮތަށް ނިންމަވަން ނަތަންޔާހޫ ބޭނުންވީ، ނެސެޓުން އެ ފިޔަވަޅު ނާޅާ ނަމަ، އާ ސަރުކާރު އުފެއްދުމުގެ ފުރުސަތު އެހެން މެމްބަރަކަށް، އިޒްރޭލްގެ ރައީސަށް ދެއްވެން އޮތުމުން، އެކަމަށް ހުރަސް އަޅުއްވާށެވެ.

ފަލަސްތީނުގެ ބިމުގައި އިޒުރޭލް އުފެއްދީއްސުރެ މިހާތަނަށް އެއްވެސް ޕާޓީއަކަށް ނެސެޓުގެ މެޖޯރިޓީއެއް ލިބިފައެއް ނުވެ އެވެ. އެހެންކަމުން އަބަދުވެސް އިޒުރޭލްގައި އުފައްދަނީ ކޯލިޝަން ސަރުކާރުތަކެވެ.

އާ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 17 ގަ އެވެ. އިންތިހާބު އަންނަންދެން ބޮޑުވަޒީރުގެ މަގާމުގައި ނަތަންޔާހޫ ހުންނަވާނެ އެވެ. އަދި އިޒުރޭލްގައި އެންމެ ދިގު މުއްދަތެއްގައި ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް އޭނާ، އަންނަ ޖުލައި މަހު ވެވަޑައިގަންނަވާނެ އެވެ.