މޯދީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ސަމާލުކަން އެހެން ބޭފުޅަކަށް!

ނަރެންދުރަ މޯދީ، އިންޑިއާގެ ބޮޑުވަޒީރުގެ މަގާމާ ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި، އެންމެ ބޮޑު ތަރުހީބެއް ލިބިވަޑައިގަތީ، މީގެ ހަފުތާއެއްގެ ކުރިން ނަމަ މާ ގިނަ ބަޔަކަށް ނޭނގޭ، ބޭފުޅަކަށެވެ: ޕްރަތާޕް ޗާންދުރަ ސަރަންގީ އެވެ.


ލޮކް ސަބާގެ ބޮޑު އަގުލަބިއްޔަތެއް ބީޖޭޕީން ހޯދި އިންތިހާބަށް ފަހު، މޯދީގެ އާ ސަރުކާރު އެކުލަވާލަން އިއްޔެ އޮތް ރަސްމިއްޔާތުގައި އަތްތިލަބަޑީގެ އަޑު އެންމެ ގަދަވީ ސަރަންގީގެ ނަން ގޮވި ވަގުތު އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ ޖަވާބަކީ ސޯޝަލް މީޑިއާގެ ބާރެވެ.

އޮރިއްސާ ސްޓޭޓުން ބޭރުގައި ސަރަންގީއަކީ މީގެ ކުރިން މަޝްހޫރު އަދި އެހެން މީހުން ދަންނަ ބޭފުޅެއް ނޫނެވެ. އެކަމަކު އޮނުން ހަދާފައި ހުރި އޭނާގެ ގެއިން ނުކުންނަވާ މަންޒަރާއި ބައިސްކަލްގައި ދުއްވަވާތަނާއި ރޭލަށް އަރުއްވަން ކިއޫގައި ހުންނަވާ މަންޒަރުން ސޯޝަލް މީޑިއާ އިން އޭނާއަށް އަވަސް މަޝްހޫރުކަމެއް ލިބިވަޑައިގަތެވެ.

މިހާރު ސަރަންގީއަކީ ބީޖޭޕީގެ އާ ތަރިއެއް ކަހަލަ ލީޑަރެކެވެ. ބައެއް މީހުން އޭނާއަކީ "އޮރިއްސާގެ މޯދީ"ގެ ގޮތުގައި ވެސް ސިފަކުރެ އެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ދެ ވަނަ ދައުރަކަށް ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި ނަރެންދުރަ މޯދީ ހުވާކުރެއްވުމަށް ފަހު އިންޑިއާގެ ރައީސާ އެކު

މޯދީއަކީ ވެސް ވަރަށް އާދައިގެ ދިރިއުޅުއްވުމެއް އުޅުއްވި ބޭފުޅެކެވެ.

އެކަމަކު ސޯޝަލް މީޑިއާގެ ތަރިއަކަށް ސަރަންގީ ވިޔަކަސް އޭނާގެ މާޒީން ދައްކައިދެނީ ފަހުރުވެރިވާން ޖެހޭ ފަދަ މަންޒަރުތަކެއް ނޫނެވެ. ވަރަށް ބޮޑެތި ތުހުމަތުތަކެއް އޭނާގެ ބޮލުގައި އެޅިފައިވެ އެވެ.

ކްރިސްޓިއަން ދީން ފެތުރުމުގެ މަސައްކަތުގައި އުޅުނު އޮސްޓްރޭލިޔާގެ ގްރަހަމް ސްޓެއިންސް އާއި އޭނާގެ ދެ ދަރިން 1999 ގައި އޮރިއްސާގެ ބަޔަކު ނުކުމެ ވަރަށް އަނިޔާވެރިކޮށް މަރާލި އެވެ. އޭރު ސަރަންގީއަކީ ހިންދޫންގެ ހަރުކަށި ޖަމާއަތެއްގެ ލީޑަރެވެ.

އޮރިއްސާގެ ކްރިސްޓިއަނުން އެ މަރުތަކުގެ ތުހުމަތު އެޅުވީ ސަރަންގީގެ ބޮލުގަ އެވެ. އެކަމަކު އެ މަރާ އެއްވެސް ގްރޫޕަކާ ގުޅުމެއް އޮތް ކަމަކަށް ރަސްމީ ތަހުގީގުން ސާބިތެއް ނުވި އެވެ.

ސަރަންގީއާ އިންޓަވިއުކޮށްފައިވާ ބައެއް ނޫސްވެރިން ބުނާ ގޮތުގައި ކްރިސްޓިއަނުންނާ މެދު އޭނާގެ ހިތުގައި އޮންނަނީ ޝައްކެވެ. އެގޮތުން ކްރިސްޓިއަނުން އުޅެނީ މުޅި އިންޑިއާ އެ ދީނަށް ބަދަލުކުރަން ކަމަށް އޭނާ ތުހުމަތުކުރެ އެވެ.

ހަމަނުޖެހުން އުފެއްދުމާއި ހުޅުޖެހުމާއި ސަރުކާރުގެ މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި މީގެ ކުރިން ސަރަންގީ ހައްޔަރު ވެސް ކުރި އެވެ. އެއީ 2002 ގައި އޮރިއްސާގެ ރައްޔިތުންގެ މަޖިލިހަށް ހިންދޫންގެ ހަރުކަށި ޖަމާއަތުގެ މީހުން ވަދެގަނެ ދިން ގެއްލުންތަކާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގެ ތަރިއަކަށް ސަރަންގީ ވެގެން މި އުޅެނީ މި ހުރިހާ ކަމަކާ ހެދިއެއް ނޫނެވެ. އެކަމަކު އޭނާގެ އާދައިގެ ދިރިއުޅުމުގެ ފޮޓޯތަކުގެ ސަބަބުންނެވެ.

އިންޑިއާގެ މަރުކަޒީ ރައްޔިތުންގެ މަޖިލިސް ކަމަށްވާ ލޮކް ސަބާގެ އިންތިހާބުގައި ސަރަންގީ ކެމްޕޭންކުރެއްވީ ބައިސްކަލްގަ އެވެ. އެގޮތުން އެއް ވިލެޖުން އަނެއް ވިލެޖަށް ދަތުރުކުރައްވައި، އާންމުންނާ ބައްދަލުކުރެއްވީ ބައިސްކަލްގައި ވަޑައިގެންފަ އެވެ.

އޮރިއްސާގައި ހުންނަ ސަރަންގީގެ ގެއިން އޭނާ ނުކުންނަވަނީ: ސަރަންގީގެ އާދައިގެ ދިރިއުޅުމުގެ ފޮޓޯތަކުން އޭނާ ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައި

އޮރިއްސާގެ ރައްޔިތުންގެ މަޖިލިހަށް ބައެއް ފަހަރަށް ވަޑައިގަންނަވަނީ ހިންގަވާފަ އެވެ. އާދައިގެ ރެސްޓޯރެންޓްތަކަށް ވަންނަވަ އެވެ. ރޭލަށް އަރުއްވަން ވަކި ހާއްސަ ގޮތެއް ބޭނުމެއް ނުކުރައްވަ އެވެ. އެހެން މީހުންނެކޭ އެއްގޮތަށް ކިއޫގައި ހުންނަވަ އެވެ.

އާދައިގެ ދިރިއުޅުން އުޅޭ ސިޔާސީ ލީޑަރުންނަށް އިންޑިއާގެ ގިނަ ބައެއްގެ ލޯބި ލިބެ އެވެ. އެހެންކަމުން މާ މުއްސަނދި މީހުންނާ އިންތިހާބުގައި ވާދަކުރައްވައި ސަރަންގީ ގޮނޑި ހޯއްދެވުމަކީ އާދައިގެ ވާހަކައެއް ނޫނެވެ.

އެކަމަކު ސަރަންގީއަށް ލިބުނު މަޝްހޫރުކަން، ބައެއް ނޫސްވެރިން ނަގަނީ އެހެން ގޮތަކަށެވެ. އެ މީހުން ބުނާ ގޮތުގައި އެއިން ދޭހަކޮށްދެނީ ހަގީގަތް ބެލުމެއް ނެތި، އެންމެ ފޮޓޯއަކުން ވެސް އެތައް ބައެއްގެ ބަތަލަކަށް މީހަކު ވެދާނެ ކަމެވެ. އެ މީހުންގެ މާޒީގައި އުޅުނު ގޮތެއް، އެ މީހުންނާ މެދު ކުރެވޭ ތުހުމަތުތައް ބަލާކަށް ބޭނުމެއް ނުވެ އެވެ.