މޯދީގެ އާ ކެބިނެޓްގެ ބައެއް މޫނުތައް

އިންޑިއާގެ ބޮޑުވަޒީރުކަމާ ނަރެންދުރަ މޯދީ ދެ ވަނަ ދައުރަކަށް ހަވާލުވެވަޑައިގެން އެކުލަވާލެއްވި އާ ކެބިނެޓުން، ކުރިން ހީކުރި ގޮތަށް، ބީޖޭޕީގެ އިސް ލީޑަރުން ޖާގަ ހޯއްދެވި އިރު، ޔަގީނުން ވެސް ހައިރާންކަން ގެނައި އެއް ބޭފުޅަކު ހުއްޓެވެ: އާ ފޮރިން މިނިސްޓަރު ސުބަރަމާނިޔަމް ޖައިޝަންކަރެވެ.


އުމުރުން 64 އަހަރުގެ ޖައިޝަންކަރަށް ފޮރިން މިނިސްޓަރުކަން ލިބިވަޑައިގަތުމުން ހައިރާންވާން ޖެހެނީ، ކެބިނެޓްގެ މަގާމުތައް އާންމުކޮށް ދެމުން އަންނަނީ ޕާޓީގެ އިސް މީހުންނަށާއި އިއްތިހާދުގެ މުހިންމު ބައިވެރިންނަށް ކަމަށް ވާތީ އެވެ. ޖައިޝަންކަރަކީ އެގޮތުން ސިޔާސީ ބޭފުޅަކަށް ވުރެ، މުޅި އުމުރު ޑިޕްލޮމެޓެއްގެ ގޮތުގައި އުޅުއްވި ބޭފުޅެކެވެ.

މޯދީ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖްގެ ސިއްހީ ހާލު ހުރި ގޮތުން ކެބިނެޓްގައި މިފަހަރު ނުހިމެނެ އެވެ.

ޖައިޝަންކަރަކީ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމުގައި ކުޅަދާނަ ބޭފުޅެކެވެ. އޭނާ ވަނީ އެމެރިކާ އާއި ޗައިނާގައި އިންޑިއާގެ އެމްބެސެޑަރުކަން ކުރައްވައިފަ އެވެ. އޭނާގެ މަސައްކަތްތަކަށް ތައުރީފް ލިބޭ ކަހަލަ ކާމިޔާބު ނަތީޖާތައް، ހާރިޖީ ދާއިރާއިން އިންޑިއާ ކޮޅަށް ނެރެދެއްވާފައިވެ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އިންޑިއާއާ ދެމެދު ގާއިމްކުރި ނިއުކްލިއަ އެއްބަސްވުން ހިމެނެ އެވެ.

އަމިތު ޝާހު އެންމެ ފަހުން ކެބިނެޓަށް!

މިފަހަރު ކެބިނެޓުން ގިނަ ބަޔަކު ހީކުރި ގޮތަށް ބީޖޭޕީގެ ރައީސް އަދި މޯދީ ހޯއްދެވި ސިޔާސީ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އާރުކާޓީ ކަމަށް ވާ އަމިތު ޝާހަށް ޖާގަ ލިބިވަޑައިގަތެވެ. ހޯމް މިނިސްޓަރުގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވި އިރު ޝާހު ފާހަގަކުރެވެނީ ބީޖޭޕީގެ ކުރިއެރުމުގެ މައި އެއް ސިކުނޑީގެ ގޮތުގަ އެވެ.

މޯދީއަށް ފަހު ބީޖޭޕީގައި ދެ ވަނައަށް އެންމެ ބާރުގަދަ ބޭފުޅަކީ ވެސް ޝާހެވެ.

ބޮޑު އަގުލަބިއްޔަތަކާ އެކު 2014 އާއި މި އަހަރުގެ އާންމު އިންތިހާބު ކާމިޔާބުކުރުމުގައި ޝާހުގެ ރޯލް ވަރަށް މުހިންމެވެ. މިހާރު ވެއްޓިފައިވާ ކޮންގްރެސް ޕާޓީއަށް ބޭނުންވަނީ އަމިތު ޝާހު ކަހަލަ ބޭފުޅެއް ކަމަށް، ބައެއް މީހުން ބުނަމުން ދަނީ، ސިޔާސީ ކަންކަމުގައި އޭނާ މޮޅުކަމުންނެވެ.

ކެބިނެޓްގައި އަންހެން އެންމެ ތިން ވަޒީރުން!

އިންޑިއާގެ އިގުތިސާދީ ދުވެލި މިހާރު ވަނީ ހުއްޓިފަ އެވެ. އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާ އަކީ މިހާރު އެންމެ ކުރިއަރަމުން އަންނަ އިގުތިސާދެއް ނޫނެވެ. އެހެންކަމުން މޯދީގެ ދެ ވަނަ ދައުރުގެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އިގުތިސާދު ރަނގަޅުކޮށް، ވަޒީފާ އިތުރުކުރުމެވެ.

އެ ބުރަ މަސައްކަތް ހަވާލުކުރީ ކުރީގެ ޑިފެންސް މިނިސްޓަރު ނިރުމަލާ ސިތަރަމާންއާ އެވެ. މިއީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީއަށް ފަހު އިންޑިއާގެ ފިނޭންސް މިނިސްޓަރުގެ ޒިންމާ ނަންގަވާ ފުރަތަމަ އަންހެން މިނިސްޓަރެވެ.

އާ ކެބިނެޓްގައި ދެން ހިމެނެނީ އަންހެން އެންމެ ދެ މިނިސްޓަރުންނެވެ. އޭގެ ތެރޭގައި ރާހުލް ގާންދީއާ ވާދަކުރައްވާ އަމެތީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ފިލްމީ ތަރި ސިމްރިތީ އިރާނީ ހިމެނެ އެވެ.

އަމެތީއަކީ ގާންދީ ފެމިލީއަށް އޭގެ ކުރިން ގެއްލުނު ސަރަހައްދެއް ނޫނެވެ. ސިމްރިތީ ކާމިޔާބުކުރައްވާފާނެ ކަމަށް ބައްލަވައި، ރާހުލް ވަނީ ކެރެލާގެ ސަރަހައްދަކަށް ވެސް ވާދަކުރައްވައިފަ އެވެ. އެ ގޮނޑި އޭނާ ކާމިޔާބުކުރެއްވި އެވެ.

އެންމެ މުސްލިމެއް!

މުޅި ކެބިނެޓްގައި ވެސް ހިމެނެނީ މުސްލިމް އެންމެ މިނިސްޓަރެކެވެ. މުހުތާރު އައްބާސް ނަގުވީއަކީ ވަރަށް ކުރިންސުރެ ބީޖޭޕީގެ މެމްބަރެކެވެ. އޭނާއަށް ލިބިވަޑައިގަތީ އާބާދީ ކުޑަ މީހުންގެ ކަންކަމާ ބެހޭ ވަޒީރުކަމެވެ. އިންޑިއާގައި ހިންދޫން ނޫން އެހެން ދީންތަކުގެ ބޮޑު އާބާދީއެއް އޮވެ އެވެ. އެކަމަކު އެ އާބާދީތަކުގެ ގިނަ ހައްގުތަކެއް ގެއްލިފައިވާކަމުގެ ޝަކުވާ ބޮޑެވެ.

މޭ 30، 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކުލަވާލެއްވި އާ ކެބިނެޓްގައި ހިމެނޭ މުސްލިމް ހަމައެކަނި މިނިސްޓަރު މުހުތާރު އައްބާސް ނަގުވީ.

އިންޑިއާގައި ދެ ވަނައަށް އެންމެ ބޮޑީ މުސްލިމް އާބާދީ އެވެ. ހިސާބުތަކުން ދައްކާ ގޮތުން 170 މިލިއަނަށް ވުރެ ގިނަ މުސްލިމުން އިންޑިއާގައި އުޅެ އެވެ. މިއީ ދުނިޔޭގެ ނިސްބަތަށް ބަލާއިރު އިންޑޮނީޝިއާ ނެގުމަށް ފަހު މުސްލިމުންގެ އެންމެ ބޮޑު އާބާދީ އެވެ. އެކަމަކު ސަރުކާރުގައި މުސްލިމުން ތަމްސީލްކުރާ މިންވަރު މިވަނީ އާދަޔާ ހިލާފަށް ދަށަށް ގޮސްފަ އެވެ.

ލޮކް ސަބާގައި މުސްލިމް މެމްބަރުންގެ އަދަދު ވަރަށް މަދެވެ. މިފަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވީ އެންމެ 26 މުސްލިމުންނެވެ. އެކަމަކު މިއީ 500 އަށް ވުރެ ގިނަ ގޮނޑި ހިމެނޭ ލޮކް ސަބާއަށް 2014 ގައި އިންތިހާބުވި މުސްލިމުންގެ އަދަދަށް ބަލާއިރު ހަތަރު ބޭފުޅުން އިތުރު އަދަދެކެވެ.

އިންތިހާބުގައި ބީޖޭޕީން 437 ގޮނޑިއަށް ވާދަކުރި އިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތް މުސްލިމް ކެންޑިޑޭޓުންނެވެ. އެއިން އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ.

ކޮންގްރެސް އިން 32 މުސްލިމް ކެންޑިޑޭޓުން ނެރުނެވެ. އޭގެ ތެރެއިން ކާމިޔާބުކުރެވީ ހަތަރު ގޮނޑި އެވެ.