އިންޑިއާއަކީ މިހާރު އެންމެ ބާރަށް ކުރިއަރާ އިގުތިސާދެއް ނޫން

ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގުތިސާދުގެ ގޮތުގައި އިންޑިއާ އޮތް އޮތުން ނިމުމަކަށް އަތުވެއްޖެ އެވެ.


އިންޑިއާ ސަރުކާރުން އެންމެ ފަހުން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ފަސް އަހަރަކީ އިންޑިއާގެ އިގުތިސާދީ ދުވެލި އެންމެ މަޑު ފަސް އަހަރެވެ. އެގޮތުން އެ ހިސާބުތައް ވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރު ފެއްޓެވި ނަރެންދުރަ މޯދީއަށް ބޮޑު ކަންބޮޑުވުމަކަށެވެ.

އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން 2018-2019 އަށް މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ އިގުތިސާދު ކުރިއަރާފައި ވަނީ 6.8 ޕަސެންޓްގަ އެވެ. އަދި 2019 ޖެނުއަރީ އިން މާޗާ ހަމަށް (ފުރަތަމަ ކުއާޓަރުގައި) އެގައުމުގެ އިގުތިސާދު ކުރިއެރީ އެންމެ 5.8 ޕަސެންޓަށެވެ.

އިންޑިއާގެ އިގުތިސާދު ކުރިއަރަމުން އަންނަ ނިސްބަތް މިހާރު އެ އޮތީ ވާދަވެރި ޗައިނާއަށް ވުރެ ދަށަށް ގޮސްފަ އެވެ. މީގެ މާނައަކީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގުތިސާދުގެ މަގާމު އެގައުމަށް ގެއްލުމެވެ.

އިގުތިސާދީ މި މަޑުޖެހުން ވެގެން ދާނީ އިންޑިއާގެ އާ ފިނޭންސް މިނިސްޓަރު ނިރުމަލާ ސިތަރަމަންއަށް ބޮޑު ގޮންޖެހުމަކަށެވެ. އޭނާއަކީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ފަހުން އިންޑިއާގައި ފިނޭންސް މިނިސްޓަރުކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާ އެވެ.

އިންޑިއާގެ އިގުތިސާދު މަޑުޖެހުނު ސަބަބުތަކުގެ ތެރޭގައި އާ ވަޒީފާ އުފެއްދޭ މިންވަރު މަދުވުމާއި އޭގެ ސަބަބުން މުދާ ގަންނަ މިންވަރު ދަށަށް ދިއުން ހިމެނެ އެވެ. ޗައިނާއާ ހިލާފަށް އިންޑިއާގެ އިގުތިސާދު ބޮޑަށް ބިނާވެފައި އޮތީ އެތެރޭގެ ވިޔަަފާރިތަކަށެވެ.