ހަމަލާތަކަށް ފަހު ލަންކާ އަށް ވަޑައިގަތް ފުރަަތަމަ ވެރިޔަކަށް މޯދީ

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި ނަރެންދުރަ މޯދީ މިއަދު ސްރީ ލަންކާ އަށް ވަޑައިގެންފި އެވެ.


މޯދީ އަކީ އޭޕްރީލް މަހު ސްރީ ލަންކާގައި ދިން ބޮމުގެ ނުރައްކާތެރި ހަމަލާތަކަށް ފަހު އެ ގައުމަށް ވަޑައިގަތް ބޭރު ގައުމެއްގެ ފުރަތަމަ ވެރިޔާ އެވެ. ލަންކާގެ ބައެއް ފައްޅިތަކާއި މަތީ ފެންވަރުގެ ހޮޓާތަކުގައި ބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ މުޅި ގައުމު ނާމާންވި އެވެ.

މި ދަތުރުގައި މޯދީ، ލަންކާގެ ރައީސް މައިތިރްޕަލާ ސިރިސޭނާއާ ބައްދަލުކުރައްވާނެ އެވެ. އަދި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާނެ ކަމަށް ވެސް ބެލެވެ އެވެ.

މޯދީގެ މި ދަތުރުގައި، ލަންކާގައި ދިން ހަމަލާތަކާ ބެހޭ ގޮތުން އަދ ޓެރަރިޒަމް ހުއްޓުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.

އޭޕްރީލް 21 ގައި ލަންކާގައި ހަމަލާތައް ދިނީ އެކަން ރާވަމުންދާ މީހުންގެ މައުލޫމާތު އިންޑިއާގެ ޖާސޫސީ އިދާރާ އިން މާކުރިން ދީފައި ވަނިކޮށެވެ. ނަމަވެސް އެކަމާ ލަންކާ އިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ސިރިސޭނާ އާއި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ހަމަލާތަކަށް ފަހު ލަންކާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އެތައް ސަތޭކަ ބަޔަކު ވަނީ ތުހުމަތުތަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސްރީ ލަންކާ އިން މަރުހަބާ ކިޔަނީ

ލަންކާގައި ހުންނަވާ އިންޑިއާ ސަފީރު އޮސްޓިން ފެނާންޑޯ ވިދާޅުވީ މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ ލަންކާ އަށް ކުރިމަތިވެފައިވާ އުނދަގޫ މި ވަގުތުގައި އެ ގައުމާ އެކު އިންޑިއާ އޮތްކަމުގެ ރަމްޒެއްގެ ގޮތުން ކަމަށެވެ.

"އޭޕްރީލް 21 ގެ ހަމަލާތަކަށް ފަހު ބޮޑުވަޒީރު މޯދީ ލަންކާ އަށް ވަޑައިގަތުމުން ދުނިޔެ އަށް މި ދެވެނީ ވަރުގަދަ މެސެޖެއް. ލަންކާގައި މި ހުންނެވީ އެހެން ގައުމެއްގެ ވެރިއެއް،" ލަންކާ އަށް ޒިޔާރަތްކުރުން ރައްކާތެރިކަމާއި އެ ގައުމު މިހާރު އަމާންކަން މި ދަތުރުން ހާމަވާނެކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވި އެވެ.

މޯދީ ދެ ވަަނަ ދައުރަކަށް ހުވާކުރެއްވުމަށް ފަހު ފުރަތަމަ ވަޑައިގަތީ ދިވެހިރާއްޖެއަށެވެ. ހޮނިހިރު ދުވަހު މެންދުރު ފަހު ރާއްޖެ އަށް ވަޑައިގަތުމަށް ފަހު ލަންކާ އަށް ފުރާވަޑައިގަތީ އާދީއްތަ ދުވަހު ހެނދުނު އެވެ.