ފަލަސްތީނު މީހުން ނުރުހޭ ގޮތެއް ގަބޫލެއް ނުކުރާނަން: ގަތަރު

މެދު އިރުމައްޗަށް ސުލްހަ ގެނައުމަށް އެމެރިކާއިން ގެންގުޅޭ ޕްލޭނަށް ފަލަސްތީނު މީހުން ނުރުހޭކަން އެނގޭ ކަމަށާއި އެފަދަ ޕްލޭނަކަށް ތާއީދު ނުކުރާނެ ކަމަށް ގަތަރުން އިއްޔެ ބުނެފި އެވެ.


ފަަލަސްތީނާއި އިޒްރޭލަށް ސުލްހަވެރިކަމާ އެކު އުޅެވޭނެ މަގެއް ކޮށަން ކަމަށް ބުނެ އެމެރިކާއިން ވަނީ ސުލްހައިގެ އާ ޕްލޭނެއް އެކުލަވާލައިފަ އެވެ. އެ ޕްލޭންގެ ތަފުސީލު ނުދީ އެމެރިކާއިން ގެންދަނީ އަރަބި ގައުމުތަކުގެ ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ދަނބި ދަރިކަލުން އަދި ވައިޓް ހައުސްގެ އެޑްވައިޒަރު ޖެރެޑް ކުޝްނާ ދާދި ދަހުން ވަނީ މެދު އިރުމައްޗަށް ދަތުރެއް ވެސް ކުރައްވައިފަ އެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް އެނގެނީ [ސުލްހައިގެ ޕްލޭންގެ ކަންތަކުގައި] ފަލަސްތީނު މީހުންނާއި އެމެރިކާއާ ގުޅުން ކެނޑިފައިވާ ކަން،" ލަންޑަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގަތަރުގެ ފޮރިން މިނިސްޓަރު ޝައިޚް މުޙައްމަދު ބިން ޢަބްދުއް ރަޙްމާން އައް ސާނީ ވިދާޅުވި އެވެ.

ފަލަސްތީނާއި އަރަބި ބައެއް އެހެން ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ ޕްލޭނަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން ކުރާ މަސައްކަތް މުޅިން ހުއްޓުވައިލުމުގެ ރޭވުމެކެވެ.

"ފަލަސްތީނު މީހުން ބަލައިގަންނަ ކޮންމެ ޕްލޭނަކަށް އަޅުގަނޑުމެން ތާއީދު ކުރާނަން،" ޝައިޚް މުޙައްމަދު ވިދާޅުވި އެވެ.

ކުޝްނާ މިދިޔަ ހަފުތާގައި ވިދާޅުވީ ފަލަސްތީނު މީހުންނަށް އަމިއްލަ ވެރިކަމެއް ގާއިމްކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު ފަލަސްތީނުގެ ދައުލަތެއް އުފައްދަން ތާއީދުކުރައްވާ ކަމަކަށް ވިދާޅެއް ނުވެ އެވެ.