އިމާރާތެއްގެ މައްޗަށް ހެލިކޮޕްޓަރެއް ވައްޓައިލުމުން 9/11 ގެ ބިރުވެރިކަން އާވެއްޖެ

އެމެރިކާގެ ނިއު ޔޯކްގެ މެންހަޓަންގެ އުސް އިމާރާތެއްގެ މައްޗަށް މީހަކު ހެލިކޮޕްޓަރެއް ވައްޓައިލުމުން މީގެ 17 އަހަރު ކުރިން އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގެ ހަނދާން އާވެ ބިރުވެރިކަން އުފެދިއްޖެ އެވެ.


އިއްޔެ ހެލިކޮޕްޓަރު ވައްޓާލީ 54 ބުރީގެ އިމާރާތެއްގެ މައްޗަށެވެ. އެ ހާދިސާގައި މަރުވީ ޕައިލޮޓް އެކަންޏެވެ. ހެލިކޮޕްޓަރު ވެއްޓުމާ އެކު އިމާރާތަށް ވަރުގަދަ ލޮޅުމެއް އަރައި އަލިފާން ރޯވި ނަމަވެސް އިމާރުގައި ތިބި އެއްވެސް މީހަކަށް ކަމެއްނުވެ އެވެ.

ނިއު ޔޯކްގެ ގަވަރުނަރު ކުއޯމޯ ވިދާޅުވި ގޮތުގައި ނިއު ޔޯކަށް ވައިގެ އުޅަނދެއް ވެއްޓިއްޖެ ނަމަ މީހުން މިހާރު ބިރުގަންނަނީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރުގައި ދެ މަތިންދާބޯޓު ޖައްސައި ގޮއްވާލި ހާދިސާ އަށް ފަހުގަ އެވެ.

މަތިންދާބޯޓު ހައިޖެކްކޮށްގެން ދިން އެ ހަމަލާގައި 2000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ގަވަރުނަރު ކުއޯމޯ ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރު އެ އިމާރާތުގެ މައްޗަށް ވައްޓާލާފައި ވަނީ ގަސްދުގައިކަން މިހާތަނަށް ލިބުނު މައުލޫމާތުން އެނގެ އެވެ. އަދި ހެލިކޮޕްޓަރު ވައްޓައިިލި އިމާރާތަކީ ޓެރަސްގައި ހެލިޕޭޑެއް އޮތް ތަނެއް ވެސް ނޫނެވެ.